72 ކިލޯގެ ޑުރަގް އެތެރެކުރި މައްސަލަ: ފުލުހުން ހެދި ގޯސްތަކެއްގެ ސަބަބުން ދައުވާކުރި މީހުން ސަލާމަތްވެއްޖެ

ރާއްޖެއަށް 72 ކިލޯގެ ޑުރަގް އެތެރެކުރި މައްސަލައިގައި ދައުވާކޮށްފައިވާ ތިން މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ ޑުރަގް އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ގުޅިގެން ޑިސެމްބަރު 2020 ގައި ހިންގި އޮޕަރޭޝަންގައި ޖުމުލަ 10 މީހަކު ހައްޔަރުކޮށް، އެ އެންމެންގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އުފުލި އެވެ.

އޭގެ އިތުރުން އެ މައްސަލައިގައި ހައްޔަރުކުރި އަހުމަދު ނަސީރާއި މުހައްމަދު އަކްރަމް އަދި މުހައްމަދު ޝަރީފުގެ މައްޗަށް ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލި އެވެ. އެ ދައުވާތައް ކޯޓަށް ހުށަހެޅީ ފެބްރުއަރީ 2022 ގަ އެވެ. ނަމަވެސް އެ އަހަރުގެ ނޮވެމްބަރު މަހު ދައުލަތުން ވަނީ އިރުފާން ތަގިއްޔުއާއި މުހައްމަދު އަކްރަމްގެ އިތުރުން އަހުމަދު ނަސީރު ފިޔަވައި ދެން ތިބި މީހުންނަށްކުރާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ދައުވާ އަނބުރާ ގެންގޮސްފަ އެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި އިރުފާނަކީ 72 ކިލޯގެ އެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް އުޅުނު މީހާ އެވެ. އެ ޑްރަގް އުފުލާފައިވަނީ އަކްރަމްގެ ހިޔާޒަތުގެ ދަށުގައިވާ ކާރަކުން ކަމަށާއި ޑުރަގް ގެނައި ލޯންޗަކީ ނަސީރު ދުއްވި ލޯންޗެެއް ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ވަނީ އެއިން އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފަ އެވެ.

މި މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހުސާން މައްސަލައިގެ ރައުޔު އިއްވަމުން ވިދާޅުވީ ސިއްރުން ހިންގާ ޖިނާއީ ކުށްތަކުގައި އެންމެ މުހިންމު އެއް ހެއްކަކަކީ ވީޑިއޯ އެންޑް އިމޭޖު އެނަލިިސިސް ރިޕޯޓު ކަމަށާއި މި މައްސަލައިގައި ފުލުހުން ތައްޔާރުކުރި ވީޑިއޯ އެންޑް އިމޭޖު އެނަލިސިސް ރިޕޯޓުގައި ބޮޑު ގޯހެއް ހަދާފައިވާ ކަމަށެވެ.

އެގޮތުން ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓުގައި އަކްރަމްގެ ފޮޓޯ ކަމަށް ބަޔާންކޮށްފައިވާ ފޮޓޯއަކީ މި މައްސަލައިގައި ކުރިން ދައުވާ ލިބުނު ރ. އިނގުރައިދޫ/ އެލެކްސް، އަހުމަދު ވިޝާމްގެ ފޮޓޯއެއް ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންވެ މުޅި އެ ރިޕޯޓުގެ ސައްހަކަން ގެއްލި އިތުބާރު ގެއްލި، ދައުލަތުން އެ ރިޕޯޓް ހެއްކެއްގެ ގޮތުގައި ހުށަހެޅި ނަމަވެސް އެއަށް ރިއާޔަތް ނުކުރެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ މީހެއްގެ ފޯން ކޯލް ރިކޯޑިންތަކާއި ފޯން ޓޭޕް ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވާއިރު، މި މައްސަލައިގެ ތަހުގީގު ތެރެއިން ތުހުމަތުކުރެވޭ ފަރާތްތަކުގެ ކޯލް ޗާޓުތައް ފުލުހުން ތައްޔާރުކުރި އިރު އެކަމުގެ ރިޕޯޓުގައި އެއީ ކާކު ތައްޔާރުކުރި ރިޕޯޓެއްކަން ބަޔާންކޮށްފައިނުވާ ކަމަށެވެ. އަދި ފޯން ކޯލް ޗާޓުގައި ބަޔާންކުރާ ނަންބަރުތަކުގެ ވެރިފަރާތުގެ މައުލޫމާތާއި ކޯލްތަކުގެ ތަފުސީލާއި ސެލް ލޮކޭޝަންގެ މައުލޫމާތު ހޯދަން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ މައްޗަށް ކޯޓަކުން އަމުރުކުރި ކަމެއް ދައުލަތައް ސާބިތުކޮށްދެވިފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

އެހެންވެ ގާޒީ ނިންމެވީ އެއީ ސައްހަ ގޮތުގައި ހޯދާފައިވާ ހެއްކެއް ނޫން ކަމަށެވެ.

ގާޒީ އިތުރަށް ވިދާޅުވީ ހެކީގެ ގޮތުގައި ދައުލަތުގެ ފަރާތުން ފުލުހުން ތައްޔާރުކޮށްފައިވާ މޯބައިލް ފޮރެންސިކް ރިޕޯޓްތަކެއް ހުށަހެޅި ނަމަވެސް ހާދިސާއާ ގުޅޭ ވާގިއާއެއް ސާބިތުކޮށްދިނުމަށް ބޭނުންވާ އެއްވެސް ކަމެއް އެ ރިޕޯޓުގައި ނެތް ކަމަށެވެ. އަދި މި މައްސަލައިގައި ދެން ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓަކީ އެކަމުގެ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު ފުލުހުން ތައްޔާރުކުރި އިންޓެލިޖެންސް ރިޕޯޓެއްކަންވެސް ސާބިތުނުވާތީ އެއަށް ވެސް ރިއާޔަތް ނުކުރެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވި ގޮތުގައި ފުލުހުން މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އަކްރަމްއާއި އިރުފާންގެ ގެ ބަލައިފާސްކޮށް ހެކީގެ ގޮތުގައި ބައެއް ތަކެތި ގެންދިޔަ ނަމަވެސް އެ ތަކެއްޗާއި މި މައްސަލައިގައި ހިމެނޭ 72 ކިލޯގެ މަސްތުވާތަކެއްޗާ ގުޅޭ ކުށުގެ މާއްދީއާއި މައުނަވީ ރުކުން ސާބިތު ކުރުމަށް ގުޅުވައިލެވޭ ގޮތެއް ދައުލަތަށް އަދި ގެއިން ގެންދިޔަ އެއްވެސް އެއްޗަކުން ސާފުނުވާ ކަމަށެވެ.

އަދި ”މަސްޖަރީ 2“ ދޯނިން ތުރާތާ ބްރޭންޑުގެ ފޯނެއް ފެނުނުކަން ދައުލަތުން ފާހަގަކުރި އިރު ހަމަ އެ ބްރޭންޑުގެ ތުރާޔާ ސެޓްލައިޓް ފޯނެއްގެ ހުސް ފޮށިގަނޑެއް އިރުފާންގެ ގެއިން ފެނުމަކީ އެ ދޯނިން ޑުރަގް ރާއްޖެއަށް އެތެރެކުރިކަން ސާބިތުކުރެވޭނެ ހެއްކެއް ނޫން ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

އެކަންކަން ފާހަގަކޮށް ގާޒީ ހުކުމްކުރެއްވީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުކުރުމަށް އެކަށީގެންވާ ހެކި ހުށަހަޅައިފައިނުވާތީ އެ ދައުވާ އެ ތިން މީހުންގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.