ފެބްރުއަރީ 22, 2025

މާމިގިލީގައި ގާސިމްގެ ހަރަދުގައި ޕޮލިސް ސްޓޭޝަނެއް ހަދަން ހުށަހަޅައިފި

އދ. މާމިގިލީގައި ހަދަން ނިންމާފައިވާ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ލަސްވެފައިވާތީ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ވިލާ ފައުންޑޭޝަންގެ ހަރަދުގައި އެ ޕޮލިސް ސްޓޭޝަން ހެދުމުގެ ހުއްދަ ދެއްވުމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުގެ އަރިހުގައި ގާސިމް އެދިވަޑައިގެންފި އެވެ.

ގާސިމް، ޕޮލިސް ކޮމިޝަނަރަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، މިދިޔަ ފަސް އަހަރުގެ، ކޮންމެ އަހަރެއްގެ ބަޖެޓުގައި ވެސް މާމިގިލީގައި ޕޮލިސް ސްޓޭޝަނެއް ހެދުމަށް ނިންމައި އެކި އަދަދުތަކުން ފައިސާ ޖަހައިފައިވާ ކަމަށެވެ. ނަމަވެސް އެ ޕޮލިސް ސްޓޭޝަން ހެދުމުގެ މަސައްކަތް އަދިވެސް ފެށިފައިނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

”ކޮމިޝަނާ އޮފް ޕޮލިސް ހުއްދަ ދެއްވައިފި ނަމަ މާމިގިލީގައި އެޅުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒު ވިލާ ފައުންޑޭޝަންގެ ސްޕޮންސާޝިޕްގެ ދަށުން އިމާރާތް ހެދުމަށް އަޅުގަނޑު ނިންމާފައިވާ ވާހަކަ ދެންނެވީމެވެ. ވީމާ އިމާރާތް ކުރުމަށް ބޭނުންވާ ކުރެހުމާއި އިމާރާތް ހެދުމަށް ސްޕޮންސަޝިޕް ގަބޫލުކުރި ކަމުގެ ލިޔުން ލިބޭނެ ގޮތް ހަމަޖައްވައި ދެއްވުން އެދެމެވެ،“ ގާސިމް ވިދާޅުވި އެވެ.

މާމިގިއްޔަކީ ކ،އއ،އދ އަދި ވ. އަތޮޅު ހިމެނޭ ސަރަހައްދުގެ އާބާދީގެ ގޮތުންނާއި ބިމުގެ ގޮތުން ވެސް އެންމެ ބޮޑު ރަށް ކަމަށް ގާސިމް ވިދާޅުވި އެވެ.މާމިގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއްގެ އިތުރުން އެ ރަށުގެ ވަށައިގެން ގިނަ އަދަދެއްގެ ރިސޯޓުތަކެއް ހިންގާތީ ހިދުމަތްތައް ހޯދަން ގިނަ ބަޔަކު މާމިގިއްޔަށް ޒިޔާރަތްކުރާ ކަމަށް ގާސިމް ވިދާޅުވި އެވެ.

”އަދި ވަޒީފާ އާއި އެކިއެކި މަސައްކަތްތެރިން ހިމެނޭހެން މާމިގިލީގައި ދިރިއުޅޭ އާބާދީއަކީ ބޮޑު އާބާދީއެއްކަން ފާހަގަކުރަމެވެ،“ ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އދ. އަތޮޅުގައި ކުށްކުރުން އެންމެ ގިނައީ މާމިގިލީގައި ކަމަށެވެ.. އެހެންވެ، ފުލުހުންގެ ހިދުމަތް ދިނުމަށް ރީޖަނަލް ފެންވަރުގެ ސްޓޭޝަނެއް ގާއިމް ކުރުމަށް އެކި ފަހަރު މަތިން ވާހަކަތައް ދެއްކެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.