ފެބްރުއަރީ 22, 2025

ސަރުކާރުގެ ރޯދަ ހަދިޔާ: މަސްދަޅު ކޭސް ބަހަން ފަށާނީ މިރޭ 8:30 ގައި

ރޯދަމަހުގެ ހަދިޔާއެއްގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޭ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ބަހަން ފަށާނީ މިރޭ 8:30 ގައި ކަމަށް ސަރުކާރު މަސް ކުންފުނި ކަމަށް މިފްކޯއިން ބުނެފި އެވެ.

މިފްކޯއިން އެންމެ ފުރަތަމަ ނިންމީ މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން މިއަދު މެންދުރުފަހު 2:30 ގަ ފެށުމަށެވެ.

ނަމަވެސް ފަހުން މިފްކޯއިން ބުނީ ކުރީ އަހަރުގެ ތަޖުރިބާއާއި ދިމާވި ދަތިތަކަށް ރިއާޔަތްކޮށް މިއަހަރުގެ ހަދިޔާ ބެހުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް ވީހާވެސް ފަސޭހަކޮށް މަސްދަޅު ކޭސް ލިބޭނޭ ގޮތަށް ކަންކަން ރާވާ ބައްޓަންކުރުމަށް މި ހަރަކާތް މިހާރު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައި ކަމަށެވެ.

މިފްކޯއިން ބުނީ މަސްދަޅު ކޭސް ބަހަން ނިންމާފައިވާ ސަރަހައްދުތަކަށްވެސް ބަދަލު އައިސްފައިވާ ކަމަށެވެ.

މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް

20 ފެބްރުއަރީ 2025 – ރޭގަނޑު 8:30 އިން ރޭގަނޑު 11:00 އަށް،
21 ފެބްރުއަރީ 2025 – ބަންދު،
22 ފެބްރުއަރީ 2025 – ހެނދުނު 10:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:30 އިން ރޭގަނޑު 11:00 އަށް،
23 ފެބްރުއަރީ އިން 27 ފެބްރުއަރީ 2025 – މެންދުރުފަހު 2:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:30 އިން ރޭގަނޑު 11:00 އަށް،

މާލޭގައި މަސްދަޅު ކޭސް ބަހަން މިވަގުތު ނިންމާފައިވަނީ މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލްގަ އެވެ.

ވިލިމާލޭގައި ވެމްކޯ ސައިޓް މަސްދަޅު ކޭސް ބަހާއިރު ހުޅުމާލެ ފޭސް-1 ގައި އުމަރު ޒާހިރު ބިލްޑިންގްގައި އަދި ހުޅުމާލެ ފޭސް-2 ގައި ހިޔާ ފްލެޓް ޓަވަރު 10 ގެ ޔޫތު ސެންޓަރުގައި މަސްދަޅު ކޭސް ބަހާނެ އެވެ.

ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭ އިނާޔަތެއްގެ ގޮތުގައި 48 ދަޅުގެ މަސްދަޅު ކޭހެއް ދޫކުރަން ނިންމާފައިވާއިރު ބައެއް ރަށްރަށުގައި މިހާރު ދަނީ މަސްދަޅު ކޭސް ދޫކުރަމުންނެވެ.