މަސްދަޅު ކޭސް ހޯދަން ގަޑިއިރެއް ކުރިން ފެށިގެން ގިނަ ބަޔަކު ކިއުގައި ޖެހިއްޖެ

ރޯދަ މަހުގެ ހަދިޔާއެއްގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޭ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި މިރޭ ބަހަން ފަށާއިރު، އެ ހޯދަން ގިނަ ބަޔަކު މިހާރުވެސް ކިއުގައި ޖެހިއްޖެ އެވެ.

ސަރުކާރު މަސް ކުންފުނި ކަމަށް މިފްކޯ އިން މަސްދަޅު ކޭސް ބަހަން ފަށާނީ މިރޭ 8:30ގަ އެވެ.

މާލޭގައި މަސްދަޅު ކޭސް ބަހަން ނިންމާފައިވަނީ މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލްގަ އެވެ. ވިލިމާލޭގައި ވެމްކޯ ސައިޓް މަސްދަޅު ކޭސް ބަހާއިރު ހުޅުމާލެ ފޭސް-1 ގައި އުމަރު ޒާހިރު ބިލްޑިންގްގައި އަދި ހުޅުމާލެ ފޭސް-2 ގައި ހިޔާ ފްލެޓް ޓަވަރު 10 ގެ ޔޫތު ސެންޓަރުގައި މަސްދަޅު ކޭސް ބަހާނެ އެވެ.

ހަފްތާގެ ނޫސްވެރިން މިފްކޯ އޮފީސް ކޮމްޕައުންޑް ކައިރިއަށް މިރޭ 7:30 ގައި ދިޔައިރުވެސް ކޮމްޕައުންޑުން ފެށިގެން މިފްކޯ މަސްފިހާރައާ ހަމައަށް ކިއުގައި ގިނަ ބަޔަކު ޖެހިފައި ތިއްބެވެ.

މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް:

  • 20 ފެބްރުއަރީ 2025 – ރޭގަނޑު 8:30 އިން ރޭގަނޑު 11:00 އަށް،
  • 21 ފެބްރުއަރީ 2025 – ބަންދު
  • 22 ފެބްރުއަރީ 2025 – ހެނދުނު 10:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:30 އިން ރޭގަނޑު 11:00 އަށް
  • 23 ފެބްރުއަރީ އިން 27 ފެބްރުއަރީ 2025 – މެންދުރުފަހު 2:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:30 އިން ރޭގަނޑު 11:00 އަށް