ދ. ކުޑަހުވަދޫގެ ހިއްކި ސަރަހައްދުގެ ފެނާއި ނަރުދަމާ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރަން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފި އެވެ.
ކުޑަހުވަދޫގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮޮއިކުރެއްވި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިޔާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން އެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 700 ދުވަސްތެރޭ ނިންމާގޮތަށް 87،487،556.76 ރުފިޔާ އަށެވެ.
އާރްޑީސީން ބުނީ އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ކުޑަހުވަދޫ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ގާއިމުކުރެވިފައިނުވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިން ސްޓޭޗަން ބެހެއްޓުން، ނަރުދަމާ ޖަންގްޝަން ބެހެއްޓުން، ފެން މީޓަރުތައް ބެހެއްޓުން، އައުޓް ފްލޯއެއް އެޅުމާއި އަދި މިހާރު އެރަށުގައި ގާއިމުކޮށްފައިވާ ފެނުގެ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ދުވާލަކު 100 ޓަނުގެ ފެން އުފެއްދޭ ވަރުގެ ދެ އާރުއޯ ޕްލާންޓް ބެހެއްޓުން ހިމެނޭ ކަމަށެވެ.
އަދި އެ މަޝްރޫއުގެ ދަށުން 700 ޓަނުގެ ފެން ރައްކާ ކުރެވޭ ވަރުގެ ދެ ޓޭންކު ބެހެއްޓުމާއި އައުޓްފްލޯ އެޅުމުގެ އިތުރުން އެ މަޝްރޫއު ނިންމުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް އެއްބަސްވުމުގެ ދަށުން ކުރާނެ ކަމަށް އާރްޑީސީން ބުންޏެވެ.


ގުޅުންހުރި
ދ. އަތޮޅު ހޮސްޕިޓަލުގައި 50 އެނދުގެ އާ އިމާރާތެއް ހަދަން އާރުޑީސީއަށް
މުލަކު މަގު ހެދުމުގެ މަޝްރޫއު ކުރިއަށް، ދެ މަގެއްގައި ދަނީ ބައްތި
ކޮލަމާފުއްޓާއި ވިލިނގިލި އަދި ތިމަރަފުށީ މަގު ހެދުމުގެ މަޝްރޫއު ނުހުއްޓި ކުރިއަށް
އިހަވަންދޫގައި ހޮސްޕިޓަލެއް ހަދަން އާރްޑީސީއާ ހަވާލުކޮށްފި
ތިމަރަފުށީގައި ފެންބޮޑުވެ ގެއްލުންތަކެއް، އެހީވާން އާރުޑީސީގެ މުވައްޒަފުން ނުކުމެއްޖެ
ރާއްޖެއިން ބޭރުގައި ދިރިއުޅެވޭނެ ތަނަވަސްކަން މޫކޭގައި އެބަހުރި: ޕޮލިސް އިންޓެލް