އޭޕްރިލް 19, 2025

ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ ނެތް މައްސަލައެއް އުފައްދައިގެން: އަލީ ހުސެއިން

ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލުކުރި މައްސަލައިގެ އަޑުއެހުމަށް ކުޑަތަން ވެފައިވަނިކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސަސްޕެންޑް ކޮށްފައިވަނީ ނެތް މައްސަލައެއް އުފައްދައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު، އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީން މިއަދު ބުނީ އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އެ ފަނޑިޔާރުންނާ ގުޅުން ހުރި މައްސަލަތަކެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާތީ ކަމަށެވެ.

ސަސްޕެންޑްކުރި ފަނޑިޔާރުންނަކީ:

އަޒްމިރަލްދާ ޒާހިރު

މަހާޒު އަލީ ޒާހިރު

ހުސްނުއްސުއޫދު

ނަމަވެސް އެ މައްސަލަތަކުގެ ތަފުސީލެއް ޖޭއެސްސީން ހިއްސާއެއް ނުކުރެއެވެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރަން މަޖިލީހުން މިއަދު ފާސްކުރި އިސްލާހާއެކު އެ ކޯޓުގެ ތިން ފަނޑިޔާރުން ސަަސްޕެންޑު ކުރުމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ އެ ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް އޭސީސީން ބަލަމުންދާ ކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ކުއްލިއަކަށް އޭސީސީން މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ އެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމުން އެނގެނީ އެއީ ނެތް މައްސަލައަކަށް ބިނާކޮށް ނިންމި ނިންމުމެއް ކަމަށެވެ.

”އޮންނަ ޕްރޮސެސްގެ ތެރެއިން މިއަދަށް ހަމަ ރަނގަޅަށް ތާވަލުކުރެވިގެން މައްސަލައިގެ އަޑުއެހުން ތާވަލުކުރެވިފައި އޮއްވައި އަޅުގަނޑުމެންނަށް ނޫސް މީޑިއާއިން މި އެނގެނީ ވެސް އިނގޭތޯ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކޮށްފިއޭ، އޭގެ ކުރިއަކުން އަޅުގަނޑުމެންނަކަށް އެއްވެސް ދިމާލަކުން މައުލޫމާތެއް ވެސް ލިބިފައެއް ނެތް، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާ ބެހޭ އެއްވެސް ގުޅޭ އެއްވެސް މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލާ ކަމެއް، އެެންވީމާ ސާފުކޮށް އަޅުގަނޑުމެންނަށް އެބަ އެނގޭ އެންޓި ކޮރަޕްޝަން ކޮމިޝަނުން އުފެއްދި މައްސަލައެއްކަން،“ އަލީ ހުސެއިން ވިދާޅުވި އެވެ.

”މިއަށްވުރެ ބޮޑަކަށް ވަކިން ޖުޑީޝަރީއަކަށް ނުވަތަ ފަނޑިޔާރު ގެއަކަށް ނުފޫޒު ފޯރުވޭނެ ގޮތެއް އަޅުގަނޑުމެންނަކަށް ނުވިސްނޭ،“

ފަނޑިޔާރުން ސަސްޕެންޑްކުރީ ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައަށް ނުފޫޒު ފޯރުވަން ކަމަށް އޭނާ ވިދާޅުވިއެވެ. އަލީ ހުސައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީއަށް އޮތުމުން އެ މެޖޯރިޓީ ބޭނުން ކޮށްގެން ހިތުހުތި ގޮތަކަށް ގާނޫނުތަކަށާއި ގާނޫނުއަސާސީއަށް އިސްލާހު ގެންނަމުންދާ ކަމަށެވެ.

މިއަދު ކުއްލިއަކަށް އަވަސް އަރުވާލައިގެން މަޖިލީހުން އެ ބިލު ފާސްކޮށް ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފާނެ ކަމުގެ ބިރަށް ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވި އެވެ.

އޭނާ ވިދަޅުވީ ސުޕްރީމް ކޯޓުން ބަލަމުންދާ ގާނޫނުއަސާސީއަށް އިސްލާހު ގެނައި މައްސަލައިގެ ހުކުމެއް އިއްވުމުގެ ކުރިން އެއްވެސް ފަރާތަކުން ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ އެއްވެސް އަމަލެއް ނުކުރުމަށް އަންގައި ވަގުތީ އަމުރެއް ނެރެދޭން އެ ކޯޓުގައި އެދުނީ މިހާރު މި ހިނގާ ފަދަ ހާލަތެއް ކުރިމަތިވެދާނެ ކަމުގެ ބިރަށް ކަމަށެވެ.

ނަމަވެސް އެދުނު ގޮތަށް ވަގުތީ އަމުރެއް ސުޕްރީމް ކޯޓުން ނެރެ ނުދިނީ އެ ކޯޓުގެ ފަނޑިޔާރުން ސިޔާސީ ނުފޫޒުގައި ޖެހިފައި ނެތީމާ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

”ބައެއް ބޭފުޅުން ވިދާޅުވާނެ ގާނޫނުއަސާސީގައި އޮތް ވާހަކައެކޭ، އެހެންވެގެން އަޅުގަނޑުމެން ހުށަހެޅީ، ގާނޫނުއަސާސީގައި އޮތް ވާހަކައެއް ވީމާ އެކަން ހަމަ ތަކުރާރުކޮށް އަދި ސުޕްރީމް ކޯޓު ލައްވައި އަދި ސުޕްރީމް ކޯޓު މެދުވެރިކޮށް އެ ވަގުތީ އަމުރު ނެރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރީ، އެހެންނަމަވެސް އެ ބޭފުޅުން އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ސިޔާސީ ނުވާތީ އެ ބޭފުޅުންގެ އިހުލާސްތެރިކަން ހުރީމާ އެ ވަގުތީ އަމުރު ވެސް ކޮންމެހެން ހަމަ އަވަސް އަރުވާލައިގެން ނުނެރި އޮތީ،“ އަލީ ހުސެއިން ވިދާޅުވި އެވެ.