ގޭތެރޭގައި ކުރާން ޖެހޭ މަސައްކަތް ވަކި ބަޔަކަށް ނުޖައްސައި، އެ ކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ ރޯދަމަހު ވަކީން ބޮޑަށް ދަރުމަހުރި ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ރޯދަވެރިޔާ އަމަލުތައް ބަހައްޓާންވީ ގޮތް“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ރޯދައިގެ މައިގަނޑު މަގުސަދަކީ ތަގުވާވެރިވުން ކަމަށާއި ތަގުވާގެ މާނައިގައި، ހެޔޮއަމަލުކުރުމާއި އެންމެހައި ފާފަތަކާ ދުރުހެލިވުން ހިމެނޭ ކަމަށެވެ. އަދި ރޯދައަކީ ކެތްތެރިކަމުގެ މަތިވެރި ތަމްރީނެއް ކަމަށާއި ރޯދަވެރިޔާ ކުރުމަށް އާދަވެފައިވާ ހުއްދަ ބައެއް ކަންތައްތަކުން އެއްކިބާވެ ހުރުމީ، ދުންޔަވީ އެދުންތަކާ ނަފުސު ދުރުކުރުމަށް ލިބޭ ތަރުބަވީ ފިލާވަޅެއް ކަމަށްވެސް ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ ރޯދައިގެ ފުރިހަމަ ދަރުމަ ލިބޭނީ ފާފައިގެ އިތުރަށް، ނޭދެވޭ ކަންތަކާ ވެސް ދުރުހެލިވެގެން ކަމަށެވެ. އެގޮތުން ނުބައި ބަސްތައް ބުނުމާއި އެ ފަދަ އަމަލުތައް ނުކުރުމާއި އަރައިރުންވުމާއި ޒުވާބުކުރުމުން ދުރުހެލިވާންޖެހޭ ކަމަށާއި ރޯދަވެރިޔާ ދުރުހެލިވާންޖެހޭ ކަންތައްތަކުން ދުރުހެލިނުވާ ނަމަ، ހަމައެކަނި ކެއިންބުއިމާ ދުރުހެލިވެގެން ހުރުމުގެ ބޭނުމެއް ނެތް ކަމަށްވެސް ހުތުބާގައި ބުންޏެވެ.
ރޯދަމަހަކީ މުސްލިމުންގެ ހުރިހާ އަމަލެއް އެންމެ ހެޔޮ ގޮތުގައި ބަހައްޓާންޖެހޭ މަސްކަން ފާހަގަކޮށް ހުތުބާގައި ބުނީ ރަހިމުގެ ގުޅުން ދެމެހެއްޓުމާއި ނިކަމެތީންނަށް އެހީވުމާއި ނަމާދުކުރުމާއި ގުރުއާން ކިޔެވުމާއި ދަމުނަމާދުކުރުމާއި އިއުތިކާފުކުރުން ފަދަ އަޅުކަންތައް ކުރުމުގައި ދެމިތިބެންޖެހޭ ކަމަށެވެ.
އަދި ވިޔަފާރިވެރީން އެ މީހުންގެ މުދަލުގެ އަގުތައް ކޮންޓުރޯލުކޮށް، އުހުރަވީ ހަޔާތުން ފައިދާއާއި ނަފާ ލިބިގަންނާން މިއީ ރަނގަޅު ފޯވައްސެއް ކަމަށްވެސް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ، ރަމަޟާން މަސް ފާއިތުވުމުގެ ކުރީން، އެ މަހުން ފައިދާ ޙާޞިލުނުކުރެވުނު މީހަކަށްވުރެ، ވަކީން ބޮޑު އަބާއްޖަވެރިޔަކު ނުހުންނާނެ ކަމަށެވެ. އަދި އެކަން ބަޔާންކޮށްދެއްވައި ކީރިތި ރަސޫލާ ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
”ހަމަކަށަވަރުން މި ބަރަކާތްތެރި މަސް ތިޔަބައިމީހުންނާ ކުރިމަތިލައިފިއެވެ. ލައިލަތުލްޤަދްރި ނުހިމެނޭ އެއް ހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑު ރެއެއް، އެ މަހުގައި ވެއެވެ. އެ ރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެ މީހާ ހަމަކަށަވަރުން ހުރިހައި ހެޔޮކަމަކުން މަޙްރޫމް ވެއްޖެއެވެ. އަދި އަބާއްޖަވެރިޔަކު ނޫނީ، އެ ރޭގެ ހެޔޮކަމަކުން މަޙްރޫމެއް ނުވާހުއްޓެވެ.“

ގުޅުންހުރި
ހައްޖު މަހުގެ ފުރަތަމަ 10 ދުވަހު ސާލިހު އަމަލުތައް ގިނަކުރަން ޖެހޭ:
ހައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ މާތް ﷲ މި ދުނިޔޭގައި
ރަސޫލާގެ ސުންނަތާ ދެކޮޅު ހަދާ މީހުންނާމެދު ސަމާލުވާންޖެހޭ: ހުތުބާ
ނަމާދު ގާއިމުކުރުމަކީ މަރު އަމާންވާ ކަމެއް، ކަށަވަޅުގެ އެކަނިވެރިކަމުންނާއި އަޒާބުން ސަލާމަތްވާނެ
އުނގެނޭ އިލްމުން ﷲ ގެ ރުހިވޮނޑީގަތުން ހޯދަން މަސައްކަތްކުރަންޖެހޭ: ހުތުބާ
އިލްމު އުނގެނޭށެވެ. އެހެނީ މަރުވުމަށްފަހުވެސް އުނގެނި، އަނެކާއަށް ފޯރުކޮށްދިން އިލްމުގެ ފައިދާ