ރޯދަމަހުގެ ފުރަތަމަ ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު ބޮޑުތަނުން ދަށްވެއްޖެ

ރޯދަމަހުގެ ފުރަތަމަ ދުވަހު ވިއްސާރަވުމުންނާއި އޮފީސްތަކާއި ސްކޫލްތައް ބަންދުވުމުގެ ސަބަބުން މާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރި މިންވަރު ބޮޑުތަނުން ދަށްވެފައިވާ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ.

ސްޓެލްކޯއިން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ ރޯދަމަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓް ބޭނުންކުރާ މިންވަރު އެވްރެޖުކޮށް ހުރީ 100 މެގަވޮޓްގައި ކަމަށެވެ. ނަމަވެސް އިއްޔެ އެންމެ ޕީކް ގަޑީގައި ވެސް ބޭނުންކޮށްފައިވަނީ 78 މެގަވޮޓް ކަރަންޓު ކަމަށް ސްޓެލްކޯއިން ބުންޏެވެ.

”އެންމެ ޕީކްގައި 78 މެގަވޮޓް ހޮނިހިރު ދުވަހު ބޭނުންކޮށްފައިވާއިރު، ރޯދަމަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓް ބޭނުންކުރާ މިންވަރު އެވްރެޖުކޮށް ހުރީ 100 މެގަވޮޓްއިން މަތީގައި“ ސްޓެލްކޯއިން ބުންޏެވެ.

ރޯދަމަހުގެ ފުރަތަމަ ދުވަހު، ކަރަންޓު ބޭނުންކުރި މިންވަރު ދަށްވެފައިވާއިރު ރޯދަމަހަކީ އެހެން މަސްތަކަށްވުރެ ކަރަންޓު ބިލު ބޮޑުވާ މަހަކަށްވާތީ ކަރަންޓު ބިލުން 10 ޕަސަންޓުގެ ޑިސްކައުންޓް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ.

ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ކަސްޓަމާ ސާވިސް އެންޑް ބިލިންގެ ޖެނެރަލް މެނޭޖަރު މުހައްމަދު ސަލީމް ވިދާޅުވެފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ބިލް ދީފައިވާނީ އެ މަހުގެ ވިހި ވަނަ ދުވަހު ކަމަށެބެ. ނަމަވެސް އެ މަހު އަދި އެހެން ބިލެއް ކަސްޓަމަރުންނަށް ދާނެ ކަމަށާއި އެއީ ވިހި ވަނަ ދުވަހުން 27 ވަނަ ދުވަހަށް ހަދާ ބިލެއް ކަމަށެވެ.

ސަލީމް ވިދާޅުވެފައިވަނީ އެ ބިލް އެ ގޮތަށް ހަދަނީ ރޯދަ މަހަށް ހާއްސަކޮށް ވަކި ބިލެއް ހެދުމަށް ކަމަށާއި ނަމަވެސް ފެބްރުއަރީގައި ދެން ދޭ ބިލަށް ފައިސާ ދައްކަން ޖެހޭ މުއްދަތު އެހެން ބިލްތަކަށްވުރެ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

”މި މަހު ދާނެ އެހެން ބިލެއް. ފަހަރެއްގައި ރައްޔިތުން ބުނެފާނެ ދެ ބިލް ދަނީއޭ. ފަހުން އަޅުގަނޑުމެން މިދޭ ބިލަށް ފައިސާ ދައްކަން އަޅުގަނޑުމެން އިތުރު މުއްދަތު ދޭނަން. ދެން އަންނަ މަހެއްގެ މުސާރަ ލިބުމުން އެ ބިލަށް ބާޑަން އަކަށް ނުވާ ގޮތަށް ފައިސާ ދެއްކޭނެ،“ ސަލީމް ވިދާޅުވެފައިވެއެވެ.

ސަލީމް ވިދާޅުވެފައިވަނީ ރޯދަ މަހުގެ ބިލުން ޑިސްކައުންޓު ދޭނީ މީގެ ކުރީގެ ނުވަ މަހުގެ އެވްރެޖު ބިލާއި ރޯދަ މަހުގެ ބިލުގެ ފަރަގު ކަމަށެވެ.