މާރޗް 4, 2025

އެޗްޑީސީގެ ޗެއާމަނަކަށް ހުންނެވި ނާސިފް 4 މަސް ފަހުން މަގާމުން ވަކިކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)ގެ ޗެއާމަނަކަށް ހުންނެވި އަހުމަދު ނާސިފް އެ މަގާމުން ވަކިކޮށްފި އެވެ

ޕްރިވެޓައިޒާޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް އިން މިއަދު ބުނީ ނާސިފް، އެޗްޑީސީގެ ޗެއާމަނުކަމުން ވަކިކޮށް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ޗެއާމަން ކަމުގެ މަގާމަށް މިއަދު އައްޔަނު ކޮށްފައިވާ ކަމަށެވެ.

މި ސަރުކާރުގައި އެންމެ ފުރަތަމަ ނާސިފް އައްޔަންކޮށްފައިވަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް)ގެ ޗެއާމަންކަމުގެ މަގާމަށެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.

އެޗްޑީސީގެ ޗެއާމަނަކަށް ނާސިފް އައްޔަންކުރީ މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު އެވެ. އޭނާއަކީ މި ސަރުކާރުގައި އެޗްޑީސީގެ ޗެއާމަނަކަށް އައްޔަންކުރި ދެވަނަ ބޭފުޅާ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ނާސިފް ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާއި ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު އަދި ގްރޭޓާ މާލޭ އިންޑަަސްޓްރިއަލް ޒޯނުގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.