ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓި ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރި މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައި، އެ މައްސަލައިގައި ޖަވާބުދާރީވުމަށް ދައުލަތައް ދިން މުއްދަތުގައި ޖަވާބުދާރީވެފައި ނުވާ ކަމަށް ބުނެ ބަންޑާރަ ނައިބު އަހުމަދު އުޝާމަށް ފިޔަވަޅު އަޅައިދިނުމަށް އެދި އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅި ސިޓީއާ ގުޅިގެން އޭނާއަށް އުޝާމް ރައްދެއް ދެއްވައިފި އެވެ.
މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިނެވެ. އެ މައްސަލައަށް ޖަވާބުދާރީވުމުގެ ބަދަލުގައި ދައުލަތުން އެންމެ ފުރަތަމަ ފާހަގަކުރީ އިޖުރާއީ ނުކުތާއެކެވެ. އެ ނުކުތާގައި ދައުލަތުން ވިދާޅުވީ އެ މައްސަލަ ބެލުމުގެ އިހުތިސޯސް ސުޕްރީމް ކޯޓަށް ލިބިގެންނުވާ ކަމަށެވެ.
ނަމަވެސް ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ނިންމާފައިވަނީ އެ މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށެވެ. އަދި މައްސަލައިގައި ޖަވާބުދާރީވުމަށް ދައުލަތަށް 10 ދުވަހުގެ މުއްދަތެއް ދިނެވެ.
ސުޕްރީމް ކޯޓުން ދައުލަތަށް ދިން 10 ދުވަހުގެ މުއްދަތު ހަމަވި ކަމަށް ވިދާޅުވެ އަލީ ހުސައިން ވަނީ މިއަދު އުއްތަމަ ފަނޑިޔާރަށް ސިޓީއެއް ފޮނުއްވައިފަ އެވެ.
އެ ސިޓީގައި އަލީ ހުސައިން ވިދާޅުވީ މައްސަލައިގައި ޖަވާބުދާރީވުމަށް ދައުލަތައް ދިން މުއްދަތު މިދިޔަ ފެބްރުއަރީ މަހުގެ 28 އަށް ހަމަވެފައިވާ ކަމަށާއި އެ މުއްދަތުގައި ދައުލަތުން މައްސަލައަށް ޖަވާބުދާރީވެފައިނުވާ ކަމަށެވެ. އަދި އެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ދައުލަތުގެ ފަރާތުން ހުށަހެޅުމެއްވެސް ހުށަހަޅާފައިނުވާ ކަމަށްވެސް ވިދާޅުވި އެވެ.
”ވީމާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރާ ހިލާފުވެ ކޯޓުގެ ހުރުމަތް ކަނޑާލާފައިވާތީ ބަންޑާރަނައިބުގެ މައްޗަށް ފިޔަވަޅު އަޅުއްވައި ދެއްވުމަށާއި ސުރުހީގައި ދެންނެވިފައިވާ މައްސަލައިގެ ޖަވާބު ފޯމު ހުށަހެޅުއްވުމަށް ބަންޑާރަނައިބަށް އަންގަވައި ދެއްވުން އެދޭ ވާހަކަ ދެންނެވީމެވެ“ އަލީ ހުސައިން ވިދާޅުވި އެވެ.
އަލީ ހުސައިންގެ އެ ސިޓީއާ ގުޅިގެން އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލީ ހުސައިން ކަންތައްކުރާ ގޮތުން އެނގިގެންދަނީ އޭނާ މަސައްކަތް ކުރައްވަނީ ދޮގު ހަދައި އޮޅުވާލުމަށް ކަމަށެވެ.
”ތިޔަ ބުނާ މައްސަލައިގައި ސުޕްރީމް ކޯޓުން ދެއްވާފައިވަނީ ރަސްމީ 10 ދުވަހުގެ މުއްދަތެއް. އެ މުއްދަތުގެ ތެރޭގައި އޭޖީ އޮފީހުން ކުރަންޖެހޭ ކަންކަން ވަނީ ކޮށްފައި. އެ މުއްދަތު ހަމަވަނީ 28 ފެބްރުއަރީ 2025 އަކަށް ނޫން. ރަސްމީ ދުވަސް ގުނަންޖެހޭ ގޮތް އަޅުގަނޑު ކިޔައިނުދިނަސް އެނގޭނެ ކަމަށް ދެކެން،“ އުޝާމް ވިދާޅުވި އެވެ.
އޭނާ ވަނީ ރޯދަމަހު ދޮގު ވާހަކަ ފަތުރައި ފިތުނަފަސާދަ އުފެއްދުމުގެ މަސައްކަތް ކުރުމުގެ ބަދަލުގައި ހެޔޮ އަމަލެއް ކުރުމަށް އަލީ ހުސައިނަށް ނަސޭހަތްތެރިވެފަ އެވެ.

ގުޅުންހުރި
ދިފާއުގައި ހުށަހެޅި ހެކިން ހާޒިރުނުކޮށް ފަނޑިޔާރު މަހާޒުގެ އަޑުއެހުންތައް ނިންމާލައިފި
ޖޭއެސްސީއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކުރައްވައިފި
ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ކަނޑައަޅާ މެމްބަރަކަށް ފަނޑިޔާރު ޝަހީދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަން ކުރައްވައިފި
ސުޕްރީމް ކޯޓަށް ޝަހީދު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
ސުޕްރީމް ކޯޓަށް އައްޔަންކުރަން ފަނޑިޔާރު ޝާހިދުގެ ނަން ކޮމިޓީން ފާސްކޮށްފި