މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް އިއުލާން ކުރި 4،000 މީހުންގެ ލިސްޓުގެ ބޭރުން 500 އަށްވުރެ ގިނަ މީހަކަށް ފްލެޓް ދޭން މި ސަރުކާރުން ނެރުނު ލިސްޓުގައި ހިމަނާފައިވާ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.
މި ސަރުކާރުން ރިވިއުކޮށް 27 ފެބްރުއަރީ 2025 ގައި ނެރުނު ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހެކެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ގޮތުން މި ސަރުކާރުން ބަލާފައި ވަނީ ކުރީ ސަރުކާރުން ނެރެފައިވާ ލިސްޓުގައި ހިމެނޭ 4000 މީހުންނަކީ ޝަރުތު ހަމަވެފައި ތިބި މީހުންތޯ ކަމަށެވެ. އަދި ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ނުހިމެނޭ އެއްވެސް މީހެއްގެ ފޯމު ބަލާފައި ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން (އިދާރީ) އިބްރާހިމް ވަހީދު ވިދާޅުވީ، ކުރީ ސަރުކާރުން ނެރެފައިވާ ލިސްޓުގައި ހިމެނޭ މީހުންގެ ޝަރުތު ހަމަވޭތޯ ބެއްލެވި ކަމަށް މުއްތަލިބް ވިދާޅުވި ނަމަވެސް އެ ލިސްޓުގެ ބޭރުން 577 މީހެއްގެ މައުލޫމާތު އަލުން ރިވިއުކޮށް އެ މީހުންނަށް ފްލެޓް ދޭން ނިންމާފައިވާ ކަމަށެވެ.
”މީގެ ތެރެއިން އަޅުގަނޑުމެންނަށް ފާހަގަވި 56 ބޭފުޅެއްގެ މާކްސްއާ ކުޅޭ މާކްސް މަތިކޮށްފައިވޭ. މި ބޭފުޅުން މި އެއްޗެހި އަލުން ރިވިއުކުރީ ނުވަތަ އަލުން މި ޕޮއިންޓްތައް ބަދަލުކުރީ ކޮން އުސޫލަކުން އަދި ކޮން ހަމައަކުންތޯ ބެލޭނެ ގޮތެއްވެސް ނެތް،“ އިބްރާހިމް ވަހީދު ވިދާޅުވި އެވެ.
އޭނާ ވަނީ މި ސަރުކާރުގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދަށް ފްލެޓް ލިބުނީ ކުރީ ސަރުކާރުގައި ވެސް އެ ބޭފުޅާއަށް ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާތީ ކަމަށް މުއްތަލިބް ވިދާޅުވެފައިވާތީ އެކަމަށްވެސް ރައްދު ދެއްވައިފަ އެވެ.
އިބްރާހިމް ވަހީދު ވިދާޅުވީ، ހައިދަރުގެ ދެމަފިރިންގެ ހިމެނޭ ގޮތަށް ފްލެޓަށް ޝަރުތު ހަމަވާ 15،751 މީހުން ތިބި އިރު، އޭގެ ތެރެއިންވެސް ހައިދަރުގެ ދެމަފިރިންނަށް ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅުނީ ކޮން އުސޫލަކުންތޯ އެވެ.
”ޝަރުތު ހަމަވަނީ ހަމައެކަނި ޑރ. ހައިދަރުގެ ދެމަފިރިކަނބަލުންނެއް ނޫން. މި ދެންނެވީ 15،751 ފަރާތުގެ ތެރެއިން ހަމައެކަނި ދެ ފަރާތެއްގެ ވާހަކަ ޑރ. މުއްތަލިބު ވިދާޅުވީމަ ވަރަށް ކަންބޮޑުވޭ.. މި ލިސްޓާ ކުޅެފައި މިއޮތީ މި ބޭފުޅުން ބޭނުންފުޅުވާ ބަޔަކަށް ދިނުމުގެ ބޭނުމުގައި،“ އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

ގުޅުންހުރި
ކުރީ ސަރުކާރުން ދިން ފުލެޓުތައް އަތުލެވޭނީ ކޯޓަށް ގޮސްގެން: ފަހި ޔޫނިއަން
ޕަބްލިކް ވޯކްސްއަށް ގެނައި ޑްރެޖަރުތަކާއި ލޭންޑިން ކްރާފްޓުތައް ގެއްލިއްޖެ
މަގޫދޫގައި އެއާޕޯޓެއް އަޅަން ނިންމުމުން މިނިސްޓަރަށް ގޯސްވީ ކުރީ ސަރުކާރު!
ސާޖިދާ އެދުނީ ޝަރީއަތް ލައިވްކުރަން، ކޯޓުން ނިންމީ ލައިވް ނުކުރަން
ޒުވާނުންގެ މުޒާހަރާގައި ބައިވެރިވުމަށް އެމްޑީޕީން ނިންމައިފި
އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ނޯޓިސް ފޮނުވައިފި