މާލޭގެ ޑެޕިއުޓީ މޭޔަރު ކަމުންނާއި ކައުންސިލް މެމްބަރުކަމުން އަހުމަދު ނަރީޝް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ނަރީޝް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ވިދާޅުވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތްކުރަން ފުރުސަތު ލިބުމުން ކަމަށެވެ. އެއީ ކޮން ކަމެއް ކަމެއް ވިދާޅެއް ނުވެ އެވެ.
ނަރީޝް ހުށަހެޅުއްވި އިސްތިއުފާގެ ސިޓީގައި ވަނީ އޭނާ އަށް ވޯޓު ދެއްވި ރައްޔިތުންނަށާއި އެ މަގާމަށް އޭނާ ހޮވައިދިނުމަށް މަސައްކަތް ކުރި ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހޭދަ ކުރެއްވި ދުވަސްތަކުގައި މޭޔަރު އާދަމް އާޒިމްގެ ފަރާތުން ލިބިވަޑައިގެންނެވި އެހީތެރިކަމަށާއި ކައުންސިލްގެ އެހެން މެމްބަރުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ވެސް ނަރީޝް ޝުކުރު އަދާކުރެއްވި އެވެ.



