ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)ގެ އިމްތިޔާޒަށް އަރާވަޑައިގެންފައިވާ މައްސަލައެއްގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ފުލުހުންގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ އިމްތިހާޒުތަކާއި ސުލޫކު ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.
އެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން ނިންމީ އެކްސިޑެންޓްތަކާބެހޭ ތަފާސްހިސާބާއި އެކަމާބެހޭ މައުލޫމާތު ހޯއްދެވުމަށް ކުޑޫ، ފުލުހުންނަށް ފޮނުއްވެވި ސިޓީގެ ޖަވާބު ލިބުމަށް ތިން މަސް ދުވަހުގެ ދިގު މުއްދަތެއް ނެގުމުން ކޮމިޓީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އެ މައްސަލައާމެދު ކޮމިޓީގައި ބަހުސް ކުރެއްވުމަށްފަހު، ޖަވާބުދާރީވުމަށް އެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވީ ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރްޒޫގެވެ.
އަޒާން ވިދާޅުވީ ޒިންމާދާރު މުއައްސަސާއަކުން މަޖިލިސް މެންބަރަކަށް ޖަވާބު ދޭން އެހާ ދުވަސް ނަގާއިރު އާންމު ރައްޔިތަކު ލާ ސިޓީއަކަށް ޖަވާބު ހޯދުމަށް ދިމާވާނެ ދަތިތައް އިހުސާސް ކުރެވޭ ކަމަށެވެ. އަދި އެއީ މެންބަރެއްގެ އިމްތިޔާޒަށް އަރައިގަތުން ކަމަށާއި އެކަމަށް ޒިންމާދާރު ކުރުވަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
އަޒާންގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އެމްޑީޕީގެ ކެންދޫ ދާިއރާގެ މެންބަރު މައުރޫފް ޒާކިރެވެ. ކޮމިޓީގައި އެ ވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާގުން އެގޮތަށް ފާސްކުރި އެވެ.




ގުޅުންހުރި
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް