ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލައާ ގުޅިގެން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު އަޒްމިރަލްދާއަށް ހުރިހާ ހައްގުތަކެއް ފޯރުކޮށްދީފައިވާނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުންގެންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑް ކުރީ 26 ފެބްރުއަރީ 2025 ގައެވެ. ހަމަ އެ ދުވަހު ފަނޑިޔާރު އަޒްމިރަލްދާގެ ފިރިމީހާ، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުގެ ގާޒީއަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ޖޭއެސްސީން ފަނޑިޔާރުގެ ސުލީކީ މައްސަލައެއް ވެސް ބަލަން ނިންމި އެވެ.
އެ މައްސަލައިގެ ތަހުގީގަށް ޖޭއެސްސީން ވަނީ ފަނޑިޔާރު އަޒްމިރަލްދާ އެ ކޮމިޝަނަށް ހާޒިރުކޮށް، ސުވާލުކޮށް ބަޔާން ނަގައިފަ އެވެ. އެ އަޑުއެހުމަށްފަހު ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަނޑިޔާރު އަޒްމިރަލްދާގެ މައްސަލަ ޖޭއެސްސީން ކުރިއަށް ގެންދިޔައީ ވަކީލެއްގެ ފުރުސަތު ނުދީ ކަމަށެވެ.
އެކަން ދޮގުކޮށް ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތައް ބެލުމަށް ގާނޫނުން މަތިކޮށްފައިވާ ފަރާތަކީ ޖޭއެސްސީ ކަމަށާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ކޮމިޝަނުން ބެލުމުގައި އަމަލުކުރަންޖެހޭ ގޮތާއި ގާނޫނީ ވަކީލުގެ ފުރުސަތު ދިނުމާއި ފަނޑިޔާރަކު އައްޔަންކުރާ ގާނޫނީ ވަކީލަށް ވަކީލެއްގެ ޒިންމާއާ މަސްއޫލިއްޔަތު އަދާކުރެވޭނެ ގޮތް ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
”ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނޫގެ 25 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ ’ތަހުގީގު ކޮމިޓީން ބަލަމުންދާ މައްސަލައާ ގުޅިގެން މައްސަލަ ރައްދުވާ ފަނޑިޔާރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާއި އެ މައްސަލައިގެ ތަފުސީލު އެ މައްސަލަ ރައްދުވާ ފަނޑިޔާރަށް ދިނުމުން، ބަލަމުންދާ މައްސަލައާ ގުޅޭ ގޮތުން ތަހުގީގު ކޮމިޓީން ކުރާ ސުވާލުތަކަށް ފަނޑިޔާރު ޖަވާބުދޭން ވާނެއެވެ‘ އަދި މި މާއްދާގެ (ބ)ގައި ’ތަހުގީގު ކޮމިޓީން ކުރާ ސުވާލުތަކަށް ޖަވާބުދިނުމުގައި މައްސަލަ ރައްދުވާ ފަރާތުން އައްޔަންކޮށްފައިވާ ގާނޫނީ ވަކީލާ މަޝްވަރާ ކުރެވިދާނެއެވެ.'“ ކަމަށެވެ.
އެގޮތަކީ އެ ކޮމިޝަނާއި ރާއްޖޭގެ ހުރިހާ ތަހުގީގީ އިދާރާތަކުންވެސް އަމަލުކުރަމުން ގެންދާ އާންމު އަދި ގާނޫނީ އުސޫލު ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ، ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ފަނޑިޔާރު އަޒްމިރާލްދާ އެދުމުން، އެ ފުރުސަތު 06 މާރިޗު 2025 ގައި ފަނޑިޔާރަށް ދީ، ގާނޫނީ ވަކީލެއްގެ ގޮތުގައި ޝަމީލް އައްޔަންކޮށްފައިވާ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގަށް ފަނޑިޔާރު އަޒްމިރަލްދާއާ އެއްކޮށް ޝަމީލުވެސް ވަޑައިގެންނެވި ކަމަށާއި އެ އަޑުއެހުމަށްފަހު ޝަމީލް މީޑިއާތަކަށް ދީފައިވަނީ ހަގީގަތާއި ހިލާފު މައުލޫމާތުތަކެއް ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

ގުޅުންހުރި
ނިހާޔަތު އެކަނި ކުރިމަތިލުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަލުން ހުޅުވާލައިފި
ފަނޑިޔާރު އަލީ ރަޝީދު ޝަރީއަތަށް ވަޑައިނުގެން ”ޓެކްސީ“ ކުރަން އުޅުނު ކަމަށް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް އެއްވެސް ރޭވުމެއް ނުރާވަން: ގާސިމް
ފިޔަވަޅު އަޅަން އެދުމުން އަލީ ހުސެއިނަށް ރައްދު ދީފި؛ ފިތުނަ އުފައްދަން
މިނިވަން މުއައްސަސާތަކުގެ ގާނޫނީ ޒިންމާ އަދާކުރުމުގެ ފުރުސަތު ރައީސް ވަނީ ދެއްވައިފައި:
ބިރު ދައްކައި ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް ފަނޑިޔާރު ސުއޫދު އިސްތިއުފާ