ސަރުކާރުގެ މަސް ކުންފުނި, މިފްކޯގެ ހިންގުން ހަރަދަނާކުރަން ކަމަށް ބުނެ މިދިޔަ މަހު އެ ކުންފުނިން ވަކިކުރި ތިން ޖެނެރަލް މެނޭޖަރަކަށް އަލުން ވަޒީފާ ދީފި އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި އެ ކުންފުނީގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޑރ. ވިތާލީ ލުބިމޮފް މިދިޔަ ފެބްރުއަރީ 18 ވަނަ ދުވަހު މަގާމުން ވަކިކުރި މެނޭޖަރުންނަކީ:
- ލޯކަލް ސޭލްސް އެންޑް މާކެޓިން ޖެނެރަލް މެނޭޖަރު – އައިޝަތު ރިޔާޒާ
- ބިޒްނަސް ޑިވެލޮޕްމަންޓު ޖެނަރަލް މެނޭޖަރު – އައިމިނަތު ސަނިއްޔާ ޝަރީފު
- ޕްރޮކިޔުމަންޓް ޖެނެރަލް މެނޭޖަރު – ހަސަން ޒާހިދު
މިފްކޯ އިން ކުރިން ބުނެފައިވާ ގޮތުން އެ ތިން މެނޭޖަރުން ވަކިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރީފޯމް އެޖެންޑާގެ ދަށުން ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ފަށާފައިވާ އިސްލާހީ އެޖެންޑާ ދަށުން ޕާފޯމަންސް ރިވިއުކުރުމަށް ފަހު އެވެ.
’ހަފްތާ‘ އަށް އެނގިފައިވާ ގޮތުގައި އެ ތިން މެނޭޖަރުން ވަކިކުރިތާ މަހެއް ނުވަނީސް އެ އެންމެނަށް އަލުން ވަނީ ވަޒީފާ ދީފަ އެވެ. ނަމަވެސް މެނޭޖަރުންގެ ވަޒީފާ އަލުން އިޔާދަކުރުމަށް ނިންމި ސަބަބެއް މިފްކޯއަކުން ނުބުނެ އެވެ.
މިފްކޯ އިން ވަކިކުރި ތިން މެނޭޖަރުންނަށް އަލުން ވަޒީފާ ދީފައި މިވަނީ ލުބިމޮފް ވަކިކުރުމަށްފަހު އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކަށް ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ފަރުހަތު ޝަހީރު އައްޔަންކުރިތާ ހަފުތާއެއް ފަހުންނެވެ.



