ހައިކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާދެއްވުމާއި ގުޅިގެން އެ މަގާމަށް ފަނޑިޔާރަކު ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފުރަތަމަ ހުޅުވާލީ މިދިޔަ ހޯމަ ދުވަހު އެވެ. އެ އިއުލާންގެ މުއްދަތު މިދިޔަ ބުދަ ދުވަހަށް ހަމަވި އިރު، އެ މަގާމަށް ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އެކަންޏެވެ.
ފުރަތަމަ އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ނުލިބޭ ކަމަށް ބުނެ، ބުދަ ދުވަހުގެ ރޭ ފަނޑިޔާރަކު ހޯދަން ދެވަނަ ފަހަރަށް އިއުލާންކުރި އެވެ. އެ އިއުލާނުގެ މުއްދަތު މިއަދު ހެނދުނު 10:00 އަށް ހަމަވި އިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ނިޔާހަތާއި ޝަހީދުގެ އިތުރުން ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމެވެ.
ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާ އިން މާސްޓާސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ އަދި ބެޗްލާސް ޑިގްރީ އިން ޝަރިއާ އެންޑް ލޯ ހައްދަވާފައިވާ ޝަހީދު ފަނޑިޔާރުކަމުގެ ހުވާކުރެއްވީ 26 ނޮވެމްބަރު 2014 ގައެވެ.
އޭނާ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވީ 24 ޖުލައި 2018 ގައެވެ. އަދި އެ ކޯޓުގެ އިސްފަނޑިޔާރަކަށް ހަމަޖެއްސީ 26 އޮކްޓޯބަރު 2023 ގައެވެ.




ގުޅުންހުރި
ގާޒީ ފާއިޒް ފަނޑިޔާރުކަމުން ވަކިކުރަން ހުށަހަޅަން ނިންމައިފި
ކުއްލިގޮތަކަށް ހައިކޯޓުގެ ހިންގުން ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއަށް
ޖޭއެސްސީގެ ރައީސްކަމަށް ހުސްނީ
72 ކިލޯގެ ޑުރަގް: ދައުލަތުން ފީ ނުދެއްކި ކަމަށް ބުނެ، އިރުފާންގެ
ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރީ ރަނގަޅަށް: ސުޕްރީމް ކޯޓު
ޝަމީމް މަރާލަން އުޅުނު މައްސަލަ ހައިކޯޓަށް