އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން މިހާރު ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާތަކުގައި ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް ދެއްކި ވާހަކައާ ގުޅިގެން އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ)ގެ އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެމްޑީޕީގެ މައްޗަށް މަދަނީ ދައުވާކުރަން ދަރިންގެ މަންމަގެ ހައިސިއްޔަތުން، މެޑަމް ސާޖިދާ މުހައްމަދު ނިންމަވައިފި އެވެ.
ރައީސްގެ އާއިލާގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މަނިކުފާނުގެ އާއިލާގެ ފަރާތުން ވަކީލު، ކުރީގެ ބަންޑާރަ ނައިބު އާޒިމް ޝަކޫރު ވަނީ މި މައްސަލާގައި ރައީސްގެ އާއިލާގެ ފަރާތުން ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ނެރުއްވަވާ ނޫސްބަޔާން އިއްވައިފަ އެވެ.
މެޑަމް ސާޖިދާގެ ބަޔާނުގައި ވިދާޅުވީ، އެކަމަނާގެ ފިރިމީހާއާ ސިޔާސީ ގޮތުން ހިޔާލުތަފާތު އެކި ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކުގެ ތެރޭގައި އުމުރުން 16 އަހަރުގެ ދަރިފުޅު އުމަރިއު މުހައްމަދު މުއިއްޒުގެ ތައުލީމީ ހަޔާތަށާއި އިޖުތިމާއީ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނޭފަދަ ވާހަކަތައްވެސް ދައްކަމުންދާ ކަމަށެވެ. އަދި އެކަންތައްތަކުގެ ސަބަބުން އޭނާގެ މުޅި މުސްތަގުބަލަށް ނޭދެވޭ އަސަރުތަކެއްކޮށް، އޭނާގެ ރައްކާތެރިކަން ކަށަވަރުނުވާވަރުގެ ކަންތަކަކަށް މަގުފަހިވެދާނޭފަދަ ފުރުސަތުތައް ހުޅުވިގެން ގޮސްފައިވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
މެޑަމް ސާޖިދާ ވިދާޅުވީ، އެކަމަނާގެ އެންމެ ދޮށީ އަންހެން ދަރިފުޅާއި އަށް އަހަރުގެ ހަގު ދަރިފުޅަށް ގަނާ ކުރުމާއި ފުރައްސާރަ ކުރުމުގެ މަސައްކަތްތަކެއް ވެސް ސިޔާސީ ގޮތުން ހިޔާލުތަފާތު އެކި ފަރާތްތަކުން މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެއީ ބަލައިގަންނަން އުނދަގޫކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ފިރިމީހާއަށާއި އެކަމަނާއަށް ފުރައްސާރަކޮށް ގަނާކުރިޔަސް އެއްވެސް އެއްޗެއް ބުނެ ފިޔަވަޅު އަޅާފައިނުވާނެކަން ފާހަގަކޮށް މެޑަމް ސާޖިދާ ވިދާޅުވީ މިވީހާ ތަނަށް މިފަދަ ކަމަކާ އެކަމަނާ އަދި އެކަމަނާގެ ފަރާތުންވެސް އެއްވެސް ރައްދެއްދީ އެއްޗެއް ދަންނަވާފައި ނުވާނެ ކަމަށެވެ.
”އެހެނެއްކަމަކު، މިއަދު އަޅުގަނޑުގެ ކުދިންނާ، ހާއްސގޮތެއްގައި އަޅުގަނޑުގެ 18 އަހަރު ނުފުރޭ ކުދިންނާ ދިމާކޮށް، އެ ކުދިންގެ ނަމާއި ކަރާމަތްނަގާލައި، ކުޑަކުއްޖަކަށް ވީތީ ލިބިފައިވާ ރައްކާތެރިކަން ނަގާލުމުން، އެ ކުދިންގެ މަންމަގެ ހައިސިއްޔަތުން ފިޔަވަޅުތަކެއް އެޅުމަށް އަޅުގަނޑު ގަސދުކޮށްފީމެވެ. އެއީ ތިޔައިން ކޮންމެ ބޭފުޅަކު ފަދައިން އަޅުގަނޑުގެވެސް އެންމެ ފުރަތަމަ އަދި އެންމެ އިސްވާޖިބަކީ އަޅުގަނޑުގެ ދަރިން ކަމުގައިވީތީ އެވެ. އަދި ހަމައެއާއެކު އަޅުގަނޑުގެ ކުދިންގެ ރައްކާތެރިކަމާއި މުސްތަގުބަލު ކަށަވަރުކުރުމަކީ އެކުދިންގެ ބައްޕައާއި އަޅުގަނޑުގެ ޒިންމާއަކަށްވީތީއެވެ،“ މެޑަމް ސާޖިދާގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އާއިލާގެ ވަކީލު އާޒިމާ ވިދާޅުވީ، ދަރިކަލުންނާ ގުޅޭ ގޮތުން މަންދީ ވާހަކަ ދައްކާފައިވާއިރު ފައްޔާޒަށް ދައުވާކުރަނީ އެ ވާހަކައަށް ހިތްވަރުދީ ޓްވީޓްކުރައްވާފައިވާތީ ކަމަށެވެ. އަދި ޕާޓީއަށް ދައުވާކުރަނީ މުޒާހަރާގައި ހިނގާ ކަންކަމަށް އެ މުޒާހަރާ އިންތިޒާމުކުރި ފަރާތުން ޒިންމާވާން ޖެހޭނެ ކަމަށް ގަބޫލުކުރާތީ ކަމަށްވެސް ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ، މި ކަމުގައި ހިމެނޭ މަދަނީ މައްސަލަތަކައިގެން ކުރިއަށް ގެންދިއުމަށް އަދި ނިންމާފައިވާއިރު، މައްސަލަ އިތުރަށް ދިރާސާކުރަމުން އަންނަ ކަމަށާއި އިތުރު ބަޔަކަށް ފިޔަވަޅު އަޅަން ޖެހިއްޖެނަމަ އެކަން ވެސް ކުރާނެ ކަމަށެވެ. އަދި ޖިނާއީ ދައުވާކުރުމާއި އެ މައްސަލަތައް ބެލުމުގެ ތެރެއަށް އާއިލާއިން ނުވަންނާނެ ކަމުގައި އާޒިމާ ވިދާޅުވި އެވެ.

96 Comments
ގުޅުންހުރި
މަންދީއާ ދެކޮޅަށް ފަސްޓް ލޭޑީ ދައުވާކޮށްފި
ކުއްޖާގެ ކަރާމަތް ނަގާލީ ސާޖިދާ ކަމަށް ބުނެ އެމްޑީޕީން ފުލުހަށް މައްސަލަ
މެޑަމް ސާޖިދާ ގޮވާލެއްވީ މިވަގުތު ކަންކަން ހަލަބޮލި ނުކޮށް، އިންސާފަށް ޖާގަ
މާންދީ ގަޔަށް ކަޅުތެޔޮ ޖަހައިފި، މެޑަމް ސާޖިދާ ވިދާޅުވީ ބަލައެއް ނުގަނެވޭނެ
ކުރީގެ ލިސްޓުގައި ނެތް މީހެއް އާ ލިސްޓަކަށް ނުލަން، އެކަމަކު އުސޫލު
ކުރިން ނެރެފައިވާ ލިސްޓުގެ ބޭރުން 577 މީހަކަށް މި ސަރުކާރުން ފްލެޓް