އޭޕްރިލް 2, 2025

ސްޓެލްކޯ އިން ގޮގޯރޯގެ ބެޓްރި ސިސްޓަމް ރާއްޖެއަށް ތައާރަފުކޮށް، ބެޓެރި ސައިކަލު ގެންނަނީ

ސްޓެލްކޯ އިން ޓައިވާނުގެ ގޮގޯރޯ ބްރޭންޑުގެ އެޑްވާންސްޑް ބެޓެރި މެނޭޖުމެންޓު ސިސްޓަމް ރާއްޖެއަށް ތައާރަފުކޮށް، ބެޓެރި ސައިކަލު ގެންނަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގޮގޯރޯގެ ބެޓެރި ސިސްޓަމްތައް މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރާނެ ކަމަށެވެ. އެއާއެކު އޭގެ ބެޓްރިތަކާއި ކޮމްޕެޓިބަލް ސައިކަލު ރާއްޖެ އެތެރެ ކުރުމުގެ ފުރުސަތު އެ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ، މިފަދަ ސައިކަލުތައް ޓެސްޓް ކުރުމަށް ދުއްވައި، އަޖުމަ ބަލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައި ތިމާވެއްޓާ ރައްޓެހި ސައިކަލުތަކަށް ޝައުގުވެރިކަން އުފައްދައި އެއަށް ބަދަލުވުމަށް ހިތްވަރުދިނުމުގެ ގޮތުން ސައިކަލުތަކެއް ރާއްޖެ ގެނެސް އެ ޓެސްޓް ކުރުމުގެ ފުރުސަތު ފަހިކުރުމަށް އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

”މި ބެޓްރީ ސިސްޓަމްތަކާއި ކާރު ޗާޖުކުރުމަށް ގާއިމުކުރެވިފައިވާ އީވީ ޗާޖިން ސްޓޭޝަނާއެކު، އިލެކްޓްރިކް އުޅަނދުތަކަށް ލޯބިކުރާ ފަރާތްތަކުން އެފަދަ އުޅަނދު ގެންގުޅުމަށް ދެކެމުން އައި ޒަމާނީ ހުވަފެންތަކުގައި ކުލަޖެހި، ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ނިޒާމެއް އެކަށައެޅުމަށް ސަރުކާރުން ކުރަމުންގެންދާ ހަރުދަނާ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ،“ ފަހުމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެނާޖީ މެނޭޖްމަންޓް ސިސްޓަމާއި އީވީ ޗާޖިން ސްޓޭޝަނަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީވެސް ތިމާވެއްޓާއި ރައްޓެހި ނިޒާމުތަކުގެ ތެރެއިންނެވެ.

”މިއީ ސަރުކާރުން އަމާޒުހިފާފައިވާ 33 ޕަސެންޓަށް ވާސިލުވުމަށާއި ތަރައްގީއާއި ތަހުޒީބުގެ މަގުގައި ރާއްޖެއިން ކުރިއަށް އަޅާނެ އިތުރު ފިޔަވަޅެއް. މީގެ ސަބަބުން މާލެތެރޭގެ ވައި ތަގައްޔަރުވުން ކުޑަކުރެވި، މި މުޖުތަމައުގައި ދިރިއުޅޭ ފަރުދުންގެ ސިއްހަތަށް ވެސް އޭގެ ފައިދާތަކެއް ކުރާނެކަމަށް ގަބޫލުކުރަން،“ ފަހުމީ ވިދާޅުވި އެވެ.