މީހުން ދިރިއުޅޭ ރަށްރަށުގެ ކައުންސިލްތަކުގެ އިހްތިސާސުގެ ތެރޭގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ބޭނުންކުރަން ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ޓޫރިޒަމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ އިސްލާހު ފާސްކޮށްފައިވަނީ 55 މެމްބަރުން ވޯޓުންނެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ހަތް މެންބަރަކު ވަނީ ވޯޓު ދެއްވައިފަ އެވެ.
ޕީއެންސީއަށް ނިސްބަތްވާ ތިމަރަފުށި ދާއިރާގެ މެންބަރު އަހުމަދު ރިޔާޒު ހުށަހެޅުއްވި އެ އިސްލާހުގެ މަގުސަދެއް ކަމަށް ބަޔާންކޮށްފައިވަނީ ސަރުކާރުން ހިންގާ މަޝްރޫއުތަކާ ގުޅިގެން، ކްރޮސް ސަބްސިޑީގެ އުސޫލުން ރަށްރަށާއި، ފަޅުފަޅާއި އަދި ބިންތައް ދޫކުރެވޭ ގޮތް އިތުރަށް ފަސޭހަ ކުރުމެވެ.
އަދި ޓޫރިސްޓް ރިސޯޓް ހެދުމަށް ދޫކުރާ ރަށް ނުވަތަ ބިން ކުއްތަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމާގުޅޭ އުސޫލު އިސްލާހު ކުރުމާއި، ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކޮށް ހިންގަމުންދާ ތަންތަން ރީޑިވެލޮކްކުރުމަށް ބަންދުކުރުމާބެހޭ އުސޫލުތަކާއި ޓޫރިޒަމް ޓްރަސްޓް ފަންޑެއް ގާއިމުކޮށް ހިންގުމަކީ ވެސް އެ އިސްލާހުގެ މަގުސަދެކެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކުގެ ޓޫރިޒަމް ޕްލޭން ހަދައި، އެތަންތަން ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމުގެ ބާރު އޮންނަނީ ކައުންސިލްތަކަށެވެ. ނަމަވެސް މިހާރު ދެން އެ ބާރު ލިބޭނީ ކައުންސިލްތަކުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާއަށެވެ.
އިސްލާހުގައިވާގޮތުން މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމް ބޭނުމަށް ތަރައްގީ ކުރެވޭ ސަރަހައްދުތަކުގައި ގޮތުގައި ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަލުން ތަރައްގީ ކުރުމަށްފަހު ޓޫރިސްޓް ހިދުމަތްދޭ ތަން ނުހުޅުވާނަމަ އެގްރީމަންޓް ބާތިލްކޮށް ބަދަލު ދޭން ނުޖެހޭ ގޮތަށްވެސް އިސްލާހުގައިވެ އެވެ.
އެ ބިލުގައި ހިމެނޭ އެހެން ކަންތައްތަކުގެ ތެރޭގައި ކުލީގެ މުއްދަތު އިތުރުކުރަން އިންވެސްޓަރުންނަށް ތަފާތު އޮޕްޝަންތަކެއް ދިނުން ވެސް ހިމެނެ އެވެ. އެ ގޮތުން ކުލި މުއްދަތު އިތުރުކޮށްދެނީ ބިލު ފާސްވެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަހުގެ ތެރޭގައި ފައިސާ ދައްކާ ނަމަ:
އިތުރުކުރާ ކޮންމެ އަހަރަކަށް އެއް ލައްކަ ޑޮލަރު
49 އަހަރު އިތުރުކުރަން ފަސް މިލިއަން ޑޮލަރު
20 އަަހަރު އިތުރުކުރަން 2.5 މިލިއަން ޑޮލަރު
25 އަހަރު އިތުރުކުރަން ތިން މިލިއަން ޑޮލަރު
ބިލަށް އަމަލުކުރާތާ ހަ މަސް ފަހުން ކުލި މުއްދަތު އިތުރުކުރާ ނަމަ އިތުރުކުރާ ކޮންމެ އަހަރަކަަށް ދެ ލައްކަ ޑޮލަރު އަދި އެކީ އެއް ފަހަރާ ފައިސާ ދައްކާ ނަމަ 15 މިލިއަން ޑޮލަރު ދައްކައިގެން 49 އަހަރަށް ކުލި އިތުރުކުރެވެ އެވެ.




2 Comments
ގުޅުންހުރި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
އަނބިމީހާއަށް 15،000 ރުފިޔާ ދޭންޖެހޭ، އަތަކު އެކައްޗެއް ވެސް ނޯވޭ: އައްބާސް
ކުރީގެ ނައިބު ރައީސުންނަށް މަހަކު 25,000ރ. އިނާޔަތެއް ދޭން ސަރުކާރުގެ ފަރާތުން
ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަނީ ދީލަތުވުމުން: ނާޒިމް
ޕީއެންސީއަށް ސޮއިކުރިތާ މަހެއް ނުވެ، މަހުލޫފަށް ޖަޕާނުގެ ސަފީރުކަން ދެނީ