ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ ”ގެދޮރުވެރިޔާ“ ސްކީމުގައި ހިމެނޭ 4،000 ފްލެޓް ލިބޭ ބައެއް މީހުން ހިމަނައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަހުން އެކުލަވާލި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިއަންނަ މަހުގެ 15 ގެ ނިޔަލަށް އިތުރުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން އެންމެ ފުރަތަމަ ޝަކުވާ ހުށަހަޅަން ހުޅުވާލީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ރައީސް އޮފީހުން ވަނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ކަނޑައަޅައިފަ އެވެ.
މިނިސްޓްރީން ބުނީ އެހެންވެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިއަންނަ މަހުގެ 15 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
”ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ތެރެއިން 20 މާރިޗު 2025 އިން 31 މާރިޗު 2025 އަށް އެއީ ސަރުކާރު ބަންދު ދުވަސްތަކެއްކަމުގައި ވާތީ، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 15 އޭޕްރިލް 2025 އާ ހަމައަށް އިތުރުކުރެވިފައިވާ ވާހަކަވެސް ދަންނަވަމެވެ،،،،،،،“ މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ކުރީ ސަރުކާރުގައި އިއުލާނު ކުރި ފްލެޓު ލިބުނު މީހުންގެ ވަގުތީ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހަޅަން ފުރުސަތު ދިން އިރު، އެ ފުރުސަތުގައި އެ ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކާއި ޝަރުތު ހަމަނުވާ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކުން އެކި ލިޔުންތައް ޕޯޓަލްއަށް ހުށަހަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ އެ މަރުހަލާތަކުގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލައި ވެރިފިކޭޝަނަށް ފަހު ނެރުނު ލިސްޓުގައި ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކަށް ބަލައި ސަރުކާރުގެ އިދާރާތަކުގައި އެ މިނިސްޓްރީއަށް ޗެކުކުރެވެން ހުރި މައުލޫމާތުތަކަށް ރިއާޔަތްކޮށް ޝަރުތު ހަމަވާކަން ސާބިތުވާ ނަމަ އެ ފަރާތްތަކަށް ހައްލު ހޯދައިދޭނެ ކަމަށެވެ.
އެފަދަ ފަރާތްތަކުން ޕޯޓަލްގެ ތެރެއިން ތަފްސީލާއެކު ޝަކުވާ ހުށަހެޅުމަށް އެދޭ ކަމަށް މިނިސްޓްރީން ބުންޏެެވެ.




ގުޅުންހުރި
ހިޔާ އާއި ވެށިފަހި ކެޓަގަރީއަށް ހުށަހެޅުމުގައި ލުޔެއް
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ
ފުލެޓުތަކުގެ މަސައްކަތް ބީޔޫސީޖީ އާއި ސީއެމްއީސީއަށް، އަންނަ މަހު މަސައްކަތް ފަށަނީ
ފަހި ފްލެޓުތަކުގެ ޑިޕޮސިޓަށް ދެއްކި ފައިސާ ކުލިން އުނިކުރަން ނިންމައިފި
ފަހި ފުލެޓުތަކުގެ މަހު ކުއްޔާއި ޑިޕޮސިޓަށް ގެނައި ބަދަލުތައް އާންމުކޮށްފި
ގެދޮރުވެރިޔާ ފުލެޓުތަކުގެ އެޑްވާންސް ބޮޑުތަނުން ކުޑަކުރުމަށް ނިންމައިފި