ޝަހީދުވެފައިވާ މީހުންގެ އާއިލާތަކަށް 9،000 ރުފިޔާގެ އެލަވެންސެއް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުން މިއަދު ވަނީ އެކަން އެގޮތަށް ނިންމައި ”ނޮވެންބަރު 1988 ގެ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ އާއިލާތަކާއި އަދި އެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާހިލާފު ހިތްވަރު ފާހަގަކޮށް ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކަށް އިނާޔަތް ދިނުމުގެ އުސޫލު“ ގެޒެޓުގައި އާންމުކޮށްފައެވެ.
ރައީސް އޮފީހުން އާންމުކުރި އެ އުސޫލުގައިވާ ގޮތުން 3 ނޮވެންބަރު 1988 ގެ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ އާއިލާތަކުގެ އިތުރުން 3 ނޮވެންބަރު 1988 ހަނގުރާމައިގައި ދައްކުވައިދިން އާދަޔާހިލާފު ހިތްވަރު ފާހަގަކޮށް ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކައް ފައިސާގެ އިނާޔަތެއް ލިބިގެންދާނެ އެވެ.
ޝަހީދުވި މީހާގެ އާއިލާކަމުގައި ބަލާނީ، މައިންބަފައިންނާއި، އުފަންދަރީންނާއި، ހުވަފަތްވި އަނބިމީހާ ކަމަށާއި 3 ނޮވެންބަރު 1988 ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ މީހާގެ އާއިލާގެ މެންބަރުންގެ ތެރެއިން ދުނިޔޭގައި ތިބި ކޮންމެ މީހަކަށް (މަންމ،ަ ބައްޕ،ަ ދަރިން އަދި ހުވަފަތްވި އަނބިމީހާ) އެ މީހަކު ދުނިޔޭގައި ހުރިހައި ދުވަހަކު މަހަކު 9,000 ރުފިޔާ ދޭންވާނެ ކަމަށް އުސޫލުގައިވެ އެވެ.
އަދި 3 ނޮވެންބަރު 1988 ހަނގުގުރާމަ ކާމިޔާބުވުމަށް މަގުފަހިކޮށްދިންކަން ފާހަގަކޮށް، ހުރަވީ ރަން މެޑެލި ދީފައިވާ ފަރާތްތަކަށް، އެ ފަރާތްތައް ދުނިޔޭގައި ހުރިހައި ދުވަހަކު މަހުންމަހަށް 9،000 ރުފިޔާ ދޭންވާނެ ކަމަށާއި އެ ހަނގުރާމައިގައި އަމިއްލަ ހަށިގަނޑަށާއި ފުރާނައަށް ބެލުމެއްނެތި ދައްކުވައިދިން ޖެހިލުންކުޑަ އަދި ހިތްވަރުގަދަ އަމަލު ފާހަގަކޮށް، ހުރަވީ ރިހި މެޑެލި ދެވިފައިވާ ފަރާތްތަކަށް، އެ ފަރާތްތައް ދުނިޔޭގައި ހުރިހައި ދުވަހަކު ކޮންމެ މަހަކު 8،000 ރުފިޔާ ދޭންވާނެ ކަމަށް އުސޫލުގައި ވަނީ ބުނެފައެވެ.
ތިނެއް ނޮވެންބަރުގައި ގައުމު ދިފާއުކުރުމުގެ ހަނގުރާމައިގައި ދައްކުވައިދިން ހިތްވަރުގަދަ އަމަލު ފާހަގަކޮށް، ހިތްވަރުގަދަކަމުގެ ކުލަ ދެވިފައިވާ ފަރާތްތަކަށް، އެ ފަރާތްތައް ދުނިޔޭގައި ހުރިހައި ދުވަހަކު 6،000 ރުފިޔާ ދޭންވާނެ ކަމަށް އުސޫލުގައިވެ އެވެ.
އުސޫލުގައި ބުނެފައިވަނީ ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކަށް ދޭން ހަމަޖެހިފައިވާ އިނާޔަތް ދޭނީ އެ ފަރާތެއް ދުނިޔޭގައި ދެމިހުރި ދުވަސްތަކުގައި ކަމަށެވެ. އެއިން ފަރާތެއް މަރުވެއްޖެ ނަމަ، އިނާޔަތްދިނުން ހުއްޓުމަކަށް އަންނާނެ ކަމަށް އުސޫލުގައިވެ އެވެ.
ދަރުބާރުގޭގައި މިދިޔަ އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ގައުމުގެ ދިފާއުގައި ޝަހީދުވި ދިވެހީންގެ އާއިލާތަކަށް މިއަހަރުން ފެށިގެން އެލަވަންސެއް ދޭން ފައްޓަވާނެ ކަމަށެވެ.
ރައީސް ވިދާޅުވެފައިވަނީ ގައުމަށްޓަކައި ޝަހީދުވެވަޑައިގެންނެވި ބޭފުޅުން އެ ވެވަޑައިގެންނެވި ގުރުބާނީގެ އަގު ދައުލަތަކުން ނުދެއްކޭނެ ކަމަށާއި ނަމަވެސް ބޯހިޔާވަހިކަމެއް އަދި އިނާޔަތެއް ދެވެން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ޝަހީދުވެވަޑައިގެންނެވި ބޭފުޅުންގެ އާއިލާތަކަށް ދައުލަތުގެ ފަރާތުން ހާއްސަ އިނާޔަތެއް މީގެ ކުރިން ދެމުން އައި ނަމަވެސް އެކަން މިހާރު ހުއްޓިފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
”މި އަންނަ އަހަރުން ފެށިގެން ޝަހީދުވި (ބޭފުޅުންގެ) އާއިލާތަކަށާއި އަދި ހަމަ އެއާއެކީގައި 3 ނޮވެމްބަރުގެ މެޑަލް ފޯ އެކްސެޕްޝަނަލް ބްރޭވަރީ ލިބުނު ފަސް ފަރާތާއި މެޑަލް ފޯ ބްރޭވަރީ ލިބުނު 10 ފަރާތް ހިމެނޭހެން މި ހުރިހާ ފަރާތްތަކަށް ކަނޑައެޅޭ ގެޒެޓު ކުރެވޭ އުސޫލެއްގެ މަތިން ސަރުކާރުން ދެމެހެއްޓެނިވި ގޮތެއްގައި ހާއްސަ އެލަވަންސެއް ދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން.. އަދި ހަމަ އެއާ އެކީގައި ޝަހީދުވި (ބޭފުޅުންގެ) އާއިލާތަކަށް ހާއްސަކޮށް ޝަހީދުވީ ފަރާތްތަކަށް ހާއްސަ ކުރެވިގެން ހައުސިން ޕްރޮގުރާމެއް ޝަހީދުންގެ ހިޔާގެ ނަމުގައި 50 ހައުސިން ޔުނިޓު ހިމެނޭ ހައުސިން އިމާރާތެއް ކުރިއަށް އޮތް އަހަރުތަކުގައި، މި ދައުރުގެ ތެރޭގައި އަޅައި ނިންމައި މި އާއިލާތަކާ ހަވާލު ކުރާނަން،“ ރައީސް ވިދާޅުވެފައިވެ އެވެ.
ނަސްރުގެ ދުވަހެއް ފާހަގަކުރަނީ މީގެ 36 އަހަރު ކުރިން ނޮވެމްބަރު 3، 1988 ގައި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސ. ހިތަދޫ ޕެރިސްހޮލިޑޭ އަހުމަދު ނާސިރާއި ސްރީ ލަންކާގެ ތަމަޅައިގެން 80 ވަރަކަށް މީހުން މާލެ އަރައި ވެރިކަން ބަދަލުކޮށް، ރާއްޖެ ހިފަން ދިން ހަމަލައިން ދިވެހިންނަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށެވެ. އެ ހަމަލާގައި ސިފައިންގެ އަށް ބޭކަލަކާއި އާންމުންގެ 11 މީހަކު ޝަހީދުވި އެވެ.

12 Comments
ގުޅުންހުރި
ރައީސްގެ ޔޫކޭ ދަތުރުފުޅު: ލިވަޕޫލްގެ ފުޓްބޯޅަ އެކެޑަމީއެއް ރާއްޖޭގައި ހަދަން މަޝްވަރާ
ސިނގިރޭޓު ވިއްކާ ފަރާތްތަކަށް ރައީސް: ތިއީ ކުރާވަރުގެ ކަމެއް ނޫން، އެހެންކަމަކާ
އޯޓިޒަމް ހުންނަ ކޮންމެ ކުއްޖަކީ މޮޅު ކުއްޖެއް، އެ ކުދީންނަށް ލޯބިދިނުމަކީ
ލިވަޕޫލް އާއެކު ހިންގާ ކެމްޕެއިން ރަސްމީކޮށް އިއުލާން ކުރުމަށް ރައީސް ޔޫކޭއަށް
ރާއްޖޭގެ މިނިވަންކަން ގާއިމުކުރަން ހިންގާ މަޝްރޫއުތަކުގެ އަގު 100 މިލިއަން ޑޮލަރަށް
އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ފަރާތްތަކަށް ރައީސްގެ ޝުކުރު