މަންދީއާ ދެކޮޅަށް ފަސްޓް ލޭޑީ ދައުވާކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންގެ ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކުރުވި ކަމަށް ތުހުމަތުކޮށް, އެމްޑީޕީގެ އިސް އެކްޓްވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ގެ މައްޗަށް ދައުވާ ކުރަން ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފައިވާ ކަމަށް ރައީސްގެ އާއިލާގެ ވަކީލު، ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.

އާޒިމާ ޝުކޫރު މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މަންދީ، ރައީސްގެ ދަރިކަލުން އުމައިރު މުހަންމަދު މުއިއްޒަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، އުމައިރުގެ ނަފުސަށާއި ފުރާނައަށް ނުރައްކާވާނޭ ހާލަތެއް މެދުވެރިކުރުވައި އުމައިރުގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ހަލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ.

މަންދީގެ އެ ވާހަކަތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާއިން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލެވިފައިވާ ކަމަށް އާޒިމާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ މަންދީގެ އެ ވާހަކަތަކުގެ ސަބަބުން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގޔ ނިގުޅައިގަނެވިފައިވާ ކަމަށެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިކަން ހާމަ ކުރުމުގެ އިތުރުން އުފުލާފައިވާ ދައުވާއާ ގުޅޭ ތަފުސީލެއް އާޒިމާ ހާމައެއް ނުކުރައްވަ އެވެ.

ރައީސްގެ އާއިލާގެ ފަރާތުން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމާ ވަނީ ރައީސްގެ އާއިލާގެ ފަރާތުން ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ނެރުއްވަވާ ނޫސްބަޔާން އިއްވައިފަ އެވެ.

މެޑަމް ސާޖިދާގެ ބަޔާނުގައި ވިދާޅުވެފައިވަނީ އެކަމަނާގެ ފިރިމީހާއާ ސިޔާސީ ގޮތުން ހިޔާލުތަފާތު އެކި ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކުގެ ތެރޭގައި އުމުރުން 16 އަހަރުގެ ދަރިފުޅު އުމަރިއު މުހައްމަދު މުއިއްޒުގެ ތައުލީމީ ހަޔާތަށާއި އިޖުތިމާއީ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނޭފަދަ ވާހަކަތައްވެސް ދައްކަމުންދާ ކަމަށެވެ. އަދި އެކަންތައްތަކުގެ ސަބަބުން އޭނާގެ މުޅި މުސްތަގުބަލަށް ނޭދެވޭ އަސަރުތަކެއްކޮށް، އޭނާގެ ރައްކާތެރިކަން ކަށަވަރުނުވާވަރުގެ ކަންތަކަކަށް މަގުފަހިވެދާނޭފަދަ ފުރުސަތުތައް ހުޅުވިގެން ގޮސްފައިވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

މެޑަމް ސާޖިދާ ވިދާޅުވެފައިވަނީ އެކަމަނާގެ އެންމެ ދޮށީ އަންހެން ދަރިފުޅާއި އަށް އަހަރުގެ ހަގު ދަރިފުޅަށް ގަނާ ކުރުމާއި ފުރައްސާރަ ކުރުމުގެ މަސައްކަތްތަކެއް ވެސް ސިޔާސީ ގޮތުން ހިޔާލުތަފާތު އެކި ފަރާތްތަކުން މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެއީ ބަލައިގަންނަން އުނދަގޫކަމެއް ކަމަށްވެސް ވިދާޅުވިވެފައިވެ އެވެ.

ފިރިމީހާއަށާއި އެކަމަނާއަށް ފުރައްސާރަކޮށް ގަނާކުރިޔަސް އެއްވެސް އެއްޗެއް ބުނެ ފިޔަވަޅު އަޅާފައިނުވާނެކަން ފާހަގަކޮށް މެޑަމް ސާޖިދާ ވިދާޅުވެފައިވަނީ މިވީހާ ތަނަށް މިފަދަ ކަމަކާ އެކަމަނާ އަދި އެކަމަނާގެ ފަރާތުންވެސް އެއްވެސް ރައްދެއްދީ އެއްޗެއް ދަންނަވާފައި ނުވާނެ ކަމަށެވެ.

”އެހެނެއްކަމަކު، މިއަދު އަޅުގަނޑުގެ ކުދިންނާ، ހާއްސގޮތެއްގައި އަޅުގަނޑުގެ 18 އަހަރު ނުފުރޭ ކުދިންނާ ދިމާކޮށް، އެ ކުދިންގެ ނަމާއި ކަރާމަތްނަގާލައި، ކުޑަކުއްޖަކަށް ވީތީ ލިބިފައިވާ ރައްކާތެރިކަން ނަގާލުމުން، އެ ކުދިންގެ މަންމަގެ ހައިސިއްޔަތުން ފިޔަވަޅުތަކެއް އެޅުމަށް އަޅުގަނޑު ގަސދުކޮށްފީމެވެ. އެއީ ތިޔައިން ކޮންމެ ބޭފުޅަކު ފަދައިން އަޅުގަނޑުގެވެސް އެންމެ ފުރަތަމަ އަދި އެންމެ އިސްވާޖިބަކީ އަޅުގަނޑުގެ ދަރިން ކަމުގައިވީތީ އެވެ. އަދި ހަމައެއާއެކު އަޅުގަނޑުގެ ކުދިންގެ ރައްކާތެރިކަމާއި މުސްތަގުބަލު ކަށަވަރުކުރުމަކީ އެކުދިންގެ ބައްޕައާއި އަޅުގަނޑުގެ ޒިންމާއަކަށްވީތީއެވެ،“ މެޑަމް ސާޖިދާގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އާއިލާގެ ވަކީލު އާޒިމާ ވިދާޅުވެފައިވަނީ، ދަރިކަލުންނާ ގުޅޭ ގޮތުން މަންދީ ވާހަކަ ދައްކާފައިވާއިރު ފައްޔާޒަށް ދައުވާކުރަނީ އެ ވާހަކައަށް ހިތްވަރުދީ ޓްވީޓްކުރައްވާފައިވާތީ ކަމަށެވެ. އަދި ޕާޓީއަށް ދައުވާކުރަނީ މުޒާހަރާގައި ހިނގާ ކަންކަމަށް އެ މުޒާހަރާ އިންތިޒާމުކުރި ފަރާތުން ޒިންމާވާން ޖެހޭނެ ކަމަށް ގަބޫލުކުރާތީ ކަމަށްވެސް ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ، މި ކަމުގައި ހިމެނޭ މަދަނީ މައްސަލަތަކައިގެން ކުރިއަށް ގެންދިއުމަށް އަދި ނިންމާފައިވާއިރު، މައްސަލަ އިތުރަށް ދިރާސާކުރަމުން އަންނަ ކަމަށާއި އިތުރު ބަޔަކަށް ފިޔަވަޅު އަޅަން ޖެހިއްޖެނަމަ އެކަން ވެސް ކުރާނެ ކަމަށެވެ. އަދި ޖިނާއީ ދައުވާކުރުމާއި އެ މައްސަލަތައް ބެލުމުގެ ތެރެއަށް އާއިލާއިން ނުވަންނާނެ ކަމުގައި އާޒިމާ ވިދާޅުވި އެވެ.

މަންދީގެ މައްޗަށް ދައުވާކުރަން މެޑަމް ސާޖިދާ ނިންމެވީ ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރީ ރައީސްގެ ދޮށީ ފިރިހެން ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒު ވޭޕް ބޭނުންކުރާތީ ކަމަށް ބުނެ ވާހަކަދައްކާފައިވާތީ އެވެ.