ރޯދަމަހާ ބައްދަލުކުރުމުގެ ފުރުސަތު ލިބުމަކީ ކުޑަ ނިއުމަތެއް ނޫން ކަމަށާއި ހެޔޮ އަމަލުތަކާއެކު މި މާތް މައްސަރު ނިންމައިލެވޭތޯ މަސައްކަތް ކުރުމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ލައިލަތުލްޤަދްރި ވިލޭ ރެއަށެވެ.
ހުކުރު ހުތުބާގައި ބުނީ ކުރީގެ އުންމަތްތަކުގެ މީހުންނަށް ދިގު އުމުރު ދެއްވި ކަމަށެވެ. މި އުންމަތުގެ މީހުންގެ އުމުރު ކުރުކަމުގައި ވިއަސް މި ކުރު އުމުރުގައި ކުރާ ހެޔޮ އަމަލުގެ ދަރުމަ އިތުރުކޮށްދެއްވައިފައިވާ ކަމަށް ހުތުބާގައި ބުންޏެވެ. އޭގެ ތެރޭގައި ރޯދަމަހު ލައިލަތުލްޤަދްރީގައި ކުރާ ހެޔޮކަމުގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮ ކަން އިތުރުކުރައްވައިފައިވުން ހިމެނޭ ކަމަށް ހުކުރު ހުތުބާގައި ބުންޏެވެ.
”ހެޔޮ އަމަލާ އެކު މި މާތް މައްސަރު ނިންމައިލެވޭތޯ ބަލާށެވެ! އަމިއްލަ ނަފުސަށް ކުރެވޭ އަހުދުތަކަށް ރައްކާތެރިވާށެވެ! އިސްތިޣުފާރުކުރުން ގިނަކުރާށެވެ! އެ ކަމަކީ ރޯދައަށް ހުންނަ އިރު، އެ މީހަކަށް ކުރެވޭ ކުދިކުދި ފާފަތައް ފުއްސަވައިދެއްވާނޭ ކަމެކެވެ“ ހުތުބާގައި ބުންޏެވެ.
ރޯދަމަހާ ބައްދަލުކުރުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ނިއުމަތެއްކަން ރަސޫލާގެ ހަދީސް ބަސްފުޅުން އެގިވަޑައިގަންނަވާ ކަމަށް ހުތުބާގައި ބުންޏެވެ. މާތް الله ގެ ހަޒްރަތަށް ކުއްތަންވެ އެ ކަލާނގެއަށް އޮންނަ އިތުބާރު ހަރުދަނާކުރަންވާނެ ކަމަށް ހުތުބާގައި ބުންޏެވެ. އެ ކަލާނގެ ރަޙްމަތްފުޅުން ދެއްވައިފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވާން ޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ.
”އިސްލާމްކަން މަތީ، ހެޔޮ ހާލުގައި ތިބެ ރަމަޟާން މަހާ ބައްދަލުވުމަކީ ކުޑަ ނިއުމަތެއް ނޫނެވެ! އެ ކަލާނގެ فَضْلُ ވަންތަކަމުން ރޯދަހިފައިފީމު އެވެ. ނަމާދު ގާއިމުކޮށްފީމު އެވެ. ކީރިތި ގުރްއާން ކިޔަވައިފީމު އެވެ. ސަދަގާތް ދީފީމު އެވެ. ރޭ އަޅުކަން ކޮށްފީމު އެވެ. އިންސާނާގެ އަމަލުތަކުގެ ވާހަކަ ފަތްފުށްތަކުގައި މަލާއިކަތުން ލިޔުއްވާނެކަން ދަންނާށެވެ! އެހެންކަމުން ހެޔޮ އަމަލެއް މެނުވީ ނުކުރާށެވެ! “ ހުތުބާގައި ބުންޏެވެ.
”އަޅަމެންގެ އުމުރު މިހައި ތަނަށް އިތުރުކޮށްދެއްވީތީ އެވެ! މި މަހާ ހިސާބަށް ފޯރުކޮށްދެއްވީތީ އެވެ! މިހާރު އަހަރެމެން މި ތިބީ މި މަހުގެ ފަހު ދިހައިގެ ތެރޭގަ އެވެ. ވީމާ އަހަރެމެންގެ ހެޔޮ އަމަލުތައް ގަބޫލުކުރައްވައިތޯ މާތް اللهގެ ހަޒްރަތުގައި ދުއާދަންނަވާށެވެ! މިއީ ބަރަކާތުން ފުރިގެންވާ ދުވަސްތަކެކެވެ. މި ދުވަސްތަކާއި ރޭތައް އިހުޔާކުރުމަކީ އެ ކަމުގެ ދަރުމައާއި ސަވާބުގެ މިންވަރު ހިސާބުކުރާން ނޭނގޭ ވަރަށް އިތުރުކޮށްދެއްވާކަމެކެވެ.“
ހުތުބާގައި ބުނީ ރޯދަ މަހުގެ ފަހު ދިހައިގައި ކީރިތި މާތް ނަބިއްޔާ އަމަލުފުޅު ބެހެއްޓެވި ގޮތަށް ބަލާ އިރު، އެ ކަލޭގެފާނު ރޭ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރައްވާ ކަމަށެވެ.
ފަހު ދިހައިގައި ލައްވައިފައިވާ ބަރަކާތްތެރިކަން ބޮޑު ރެއަކީ ލައިލަތުލްޤަދުރި ވިލޭ ރޭ ކަމަށާއި އެ ރޭ ކުރާ ހެޔޮކަމުގެ ދަރުމަ އެ ނޫން ވަގުތުގައި، އެއް ހާސް މައްސަރުގައި ކުރާ ހެޔޮކަމަށް ވުރެ މަތިވެރިކުރައްވައިފައިވާ ކަމަށް ހުތުބާގައި ބުންޏެވެ. އެމަތިވެރި ރެއަކީ މާތް الله އެ ރެއެއްގައި މީހަކަށް މުޅި އުމުރުގައި ދެއްވާނެ އެންމެ މަތިވެރިކަން ހާސިލުކުރެވިދާނެ ރެއެއް ކަމަށް ހުތުބާގައި ބުންޏެވެ.
ރޯދަ މަހުގެ ފަހު ދިހައިގައި އިޢުތިކާފަށް އިނުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށް ހުތުބާގައި ބުންޏެވެ. އިއުތިކާފަށް އިންނަމީހާ، ބޭކާރު ކަންތައްތަކާއި ވާހަކަތަކުން ދުރުހެލިވެ، މާތް الله އަށް އަޅުކަންކުރުމާއި ކީރިތި ގުރްއާން ކިޔެވުމާއި ޒިކުރުކުރުމުގައި ވަގުތު ހޭދަކުރާންވާނެ ކަމަށް ހުތުބާގައި ބުންޏެވެ.
އަދި މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައި މިސްކިތުގެ ސާފުތާހިރުކަމަށާއި، މިސްކިތުގެ ހުރުމަތަށް އިސްކަންދޭންވާނެ ކަމަށް ހުތުބާގައި ބުންޏެވެ. މިސްކިތުގެ ހުރުމަތް ގެއްލޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށާއި މިސްކިތްތަކަކީ ބިންމަތީގައިވާ އެންމެ މާތް ތަންތަން ކަމަށް ހުތުބާގައި ބުންޏެވެ.
އެއީ މާތް ﷲ ގެ ގެކޮޅުތައް ކަމަށާއި އެކަން އަބަދުވެސް ހަނދާންކުރާންވާނެ ކަމަށް ހުތުބާގައި ބުންޏެވެ.
ބަރަކާތްތެރި ރޯދަ މަހާ ވިދިގެން އަދާކުރާން އަމުރުކުރައްވައިފައިވާ އަޅުކަމެއްވާ ކަމަށާއި ފިތުރު ޒަކާތް ކަމަށް ހުތުބާގައި ބުންޏެވެ. ފިތުރު ޒަކާތަކީ ރޯދަމަހު ރޯދަތައް ހިފި އިރު ކުރެވިފައިވާ އުނި ކަންކަން ފޫބައްދައިދޭކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.
އެހެންކަމުން ތިމާއާއި ތިމާގެ ބެލުމުގެ ދަށުގައިވާ މީހުންނާއި ކުދީންގެ ފަރާތުން ފިތުރު ޒަކާތް ނެރުމަށް އަވަސް ކުރުމަށް ހުތުބާގައި ބުންޏެވެ. އީދުވިލޭރެއާ އީދު ދުވަހު ކެއިންބުއިމަށް ފުދި އިތުރުވާ ކޮންމެ މީހެއްގެ މަތީން އެ ޒަކާތް ނެރުން ވާޖިބުވާނެ ކަމަށް ހުތުބާގައި ބުންޏެވެ.
ފިތުރު ޒަކާތް ނެރޭނީ އީދު ނަމާދުކުރުމުގެ ކުރީން ކަމަށާއި ވީމާ، މި ކަމަށް ސަމާލުކަން ދީ ފިތުރު ޒަކާތް ނެރުމަށް ހުތުބާގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

ގުޅުންހުރި
ޝައްވާލު މަހުހެ ހަ ރޯދަ ހިފި މީހާ މުޅި އަހަރު ރޯދަ
އަންނަ އަހަރުން ފެށިގެން ރޯދަ މަހަށް ސްކޫލްތައް ވެސް ބަންދުކުރަނީ
ރޯދައިގެ ފުރަތަމަ 20: ޒަކާތަށް 7.6 މިލިއަން ރުފިޔާ، މިދިޔަ އަހަރަށްވުރެ
ޑރ. ޒިޔާދުގެ ގަލަމުން: ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ މައްސަރު 2
ރޯދަމަހު ގޭތެރޭގެ ކަންކަން ވަކި ބަޔަކަށް ނުޖައްސައި، އެކަކު އަނެކަކަށް އެހީވުމަކީ
ގިނަގިނައިން ހެޔޮ އަމަލުކުރުމަކީ ގަސްދަކާނުލައި ކުރެވޭ ފާފަތަކުން ސަލާމަތް ކުރައްވާނެ ކަމެކެވެ.