އިމިގްރޭޝަން ކޮންޓްރޯލަރު ކަމުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝަމްއާނަށް ކުރަނީ ގިނަ އަދަދެއްގެ ފައިސާ އާއެކު ހައްޔަރުކުރި ބިދޭސީންތަކެއްގެ ތެރެއިން އެކަކު ދޫކޮށްލުމަށް އެ މީހާގެ އަތުން 530،000 ރުފިޔާ ނެގި ކަމުގެ ތުހުމަތު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޝަމްއާނަށް ތުހުމަތުވާ ހިޔާނާތުގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާއިރު އިއްޔެގެ ވަގުތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޝަމްއާން މަގާމުން ވަކިކުރައްވައިފަ އެވެ.
އަދި ރޭގެ ވަގުތެއްގައި ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ތަހުގީގެއް ހިންގަން ފަށާފައިވާ ކަމަށެވެ. އެ ތަހުގީގުގެ ތެރެއިން ރޭ ހިންގި ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ހައްޔަރުކުރި ކަމަށްވެސް ބުންޏެވެ.
އެ އޮޕަރޭޝްގެ ތަފުސީލާއި ތަހުގީގަށް މިހާތަނަށް ހޯދުނު ހޯދުންތަކާއެކު ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ގަވާއިދާއި ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ ޑިޓެއިންކުރުމުގެ ޒިންމާ އާންމުކޮށް އާދަކުރަމުންދާ އިމިގްރޭޝަންގެ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމެންޓް ސެކްޝަނުގެ މުވައްޒަފުން ނޫން އިމިގްރޭޝަންގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ބިދޭސީން ދިރިއުޅެމުންދާ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
”އެ ގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ގިނަ އަދަދެއްގެ ނަގުދު ފައިސާ އާއެކު ގެންގޮސްފައިވެ އެވެ. އަދި އޭގެ އެއް ދުވަސް ފަހުން އޭރުގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ އަމުރަށް އެތަނުން 530،000 ދިވެހި ރުފިޔާ އާއެކު އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ޑިޓެންޝަނުން ދޫކޮށްލާފައިވާކަން ތަހުގީގަށް އެނގިފައިވެ އެވެ.“ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ބިދޭސީ މީހާ ހައްޔަރުކުރި ގެ ބަލައި ފާސްކުރުމުގައި އަމަލީގޮތުން ބައިވެރިވި އިމިގްރޭޝަން މުވައްޒަފުން ޑިޓެންޝަނުން ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތަކެއް ހޯދައި އެ ފައިސާތައް ހިފައިގެން، 21 މާޗު 2025 ގައި، ޝަމްއާން ދިރިއުޅޭ އިމާރާތައް ވަދެފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން ޝަމްއާން ދިރިއުޅޭގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމަށް ދަށަށް ގެންގޮސް، ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި