މާރޗް 31, 2025

ޑރ. ޒިޔާދުގެ ގަލަމުން: ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ މައްސަރު 3

ކީރިތި ޤުގުއާނަކީ މުއުޖިޒާތެއް

މުޢުޖިޒާތަކީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ރިސާލަތުގެ ތެދުކަން ހާމަކުރެއްވުމުގެ ގޮތުންއެބޭކަލުންގެ އަތްޕުޅުމައްޗަށް މާތްﷲ ފާޅުކުރައްވާ ކަންކަމެވެ. އެބޭކަލުންގެ ރިސާލަތަކީ ތެދުރިސާލަތެއްކަން ސާބިތުކޮށްދެއްވަންވެގެން، އެޤައުމެއްގެ މީހުން ޢާއްމުކޮށް ކޮށް އުޅޭކަންކަން ބައެއްފަހަރުމުޢްޖިޒާތުގެ ގޮތުގައި ދައްކަވައެވެ.ނަބީބޭކަލުންނާއި ރަސޫލުބޭކަލުން ވެސް މީސްތަކުންނަށް ދެއްކެވިމުއުޖިޒާތްތަކަކީ އެބޭކަލުންގެ އަމިއްލަފުޅު އެއްވެސް ބާރެއް އެކަމުގައި ވާކަންކަމެއް ނޫނެވެ. އެއީ މާތްﷲ ގެކުޅަދުންވަންތަ ކަމާއި ބާރުވެރިކަމެވެ.

މިސާލަކަށް: މޫސާގެފާނު އަސާކޮޅު އެއްލެވީމާ، ބޮޑު ހަރުފައަކަށް އެ ބަދަލުވިއެވެ. އަސާކޮޅުން ހިލައިގައިޖެއްސެވީމާ، ހިލައިން ފެން އާރު ނުކުތެވެ. އެއިން ކަނޑުގައި ޖެއްސެވީމާ، ކަނޑު ހިކިގެން މަގެއް ހެދުނެވެ. ޢީސާގެފާނު، މަރުވެފައި ތިބޭމީހުން، ﷲ ގެ އިޒުނަފުޅާއެކު ދިރުއްވިއެވެ. މިއިން ކޮންމެ ކަމެއްގެ އަސްލަކީމާތްﷲ ގެ ކުޅަދުންވަންތަ ކަމާއި ބާރުވެރިކަމެވެ. އެބޭކަލުންގެ އެއްވެސް ބާރެއް މިކަމުގައި ނުވެއެވެ. ނަބީބޭކަލުންގެ މިފަދަ ވަރަށް ގިނަވާހަކަތައް ކީރިތި ޤުރްއާނުގައި ވަނީ ބަޔާން ކުރެވިފައެވެ.

محمد رسول الله صلى الله عليه وسلم އަށްވެސް ﷲ ވަނީ އެތައް ގިނަ މުއުޖިޒާތްތަކެއް މިންވަރުފުޅުކުރައްވަވާފައެވެ. ހަނދުދެފަޅިވުން ފަދަ، އިސްރާ އާއި މިއުރާޖުގެ ދަތުރުފުޅު ފަދަ އެތައް ގިނަ މުއުޖިޒާތްތަކެވެ. މިގޮތުން ކީރިތި ޤުރްއާނަކީ މުޢްޖިޒާތެއްކަން ޘާބިތު ކޮށްދޭ ހެކިތަކަކީ ޢަރަބިންނަށް ޤުރްއާނާއި އެއްފެންވަރުގެ އާޔަތެއްގެ މިންވަރުވެސް އެމީހުންނަށް ގެނެވިފައިނުވާކަމެވެ.ޢަރަބިންނަކީ އޭރު މުޅިދުނިޔޭގައިވެސް ބަހުގެ ޢިލްމަށް އެންމެ ގުޅަދާނަ މީހުންނެވެ.

﴿ يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ . الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَّكُمْ فَلَا تَجْعَلُوا لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ .  وَإِن كُنتُمْ فِي رَيْبٍ مِّمَّا نَزَّلْنَا عَلَىٰ عَبْدِنَا فَأْتُوا بِسُورَةٍ مِّن مِّثْلِهِ وَادْعُوا شُهَدَاءَكُم مِّن دُونِ اللَّهِ إِن كُنتُمْ صَادِقِينَ . فَإِن لَّمْ تَفْعَلُوا وَلَن تَفْعَلُوا فَاتَّقُوا النَّارَ الَّتِي وَقُودُهَا النَّاسُ وَالْحِجَارَةُ أُعِدَّتْ لِلْكَافِرِينَ .﴾ البقرة: ٢١ – ٢٤

މާނައީ: އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! އެކަލާނގެއީ، ތިޔަބައި މީހުންނާއި ތިޔަބައި މީހުންގެ ކުރިން އުޅުނު މީހުން ހެއްދެވި ރަސްކަލާނގެއެވެ. (އަޅުކަންކުރަންވީ) ތިޔަބައި މީހުން تقوىވެރި ވުމަށްޓަކައެވެ. އެކަލާނގެއީ، ތިޔަބައި މީހުންނަށްޓަކައި ތަންމައްޗެއް ކަމުގައި ބިން ލައްވައި، އަދި ބިނާއެއްކަމުގައި އުޑު ލައްވައި، އުޑުން ފެން ވެއްސަވައި، އެއިން ތިޔަބައިމީހުންނަށް رزق އެއްކަމުގައި މޭވާގެ ބާވަތްތައް ނެރުއްވި ރަސްކަލާނގެއެވެ. ފަހެ، (އެކަލާނގެ خالق ވަންތަކަން) ތިޔަބައި މީހުން ދެނެތިބެ، اللَّه އަށް شريك ންތަކެއް ތިޔަބައިމީހުން ނުލާށެވެ! ތިމަންރަސްކަލާނގެ އަޅާއަށް (އެބަހީ: محمدގެފާނަށް) ތިމަންރަސްކަލާނގެ ބާވައިލެއްވި އެއްޗަކާމެދު (އެބަހީ: قرآنއާމެދު) ތިޔަބައިމީހުން شك ކަމެއްގައި ވަނީނަމަ، ފަހެ ތިޔަބައިމީހުން އޭގައިވާފަދަ سورة އެއް ނިކަން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައި ވަނީނަމަ، اللَّه ފިޔަވައި ތިޔަބައިމީހުންނަށް نصرދޭނޭ އެހީތެރިން (ތިބިނަމަ، އެއުރެން) ނަށް ނިކަން ގޮވައި، ގެނެސްބަލާށެވެ! ފަހެ، ތިޔަބައިމީހުންނަށް އެކަން ނުކުރެވުނުނަމަ – އަދި ތިޔަބައި މީހުންނަކަށް ހަމަ ހިލާ އެކަންތަކެއް ނުމެ ކުރެވޭނެއެވެ. – (އެކަން ނުކުރެވުނުނަމަ) ފަހެ، ތިޔަބައިމީހުން ނަރަކަޔަށް ބިރުވެތިވެ، ރައްކާތެރިވާށެވެ! އެނަރަކަޔަކީ، މީހުންނާއި ހިލަ، އޭގެ ދަރުކަމުގައިވާ ނަރަކައެވެ. އެ ނަރަކަ ތައްޔާރު ކުރައްވާފައިވަނީ، كافرންނަށްޓަކައެވެ.

ރަސޫލުބޭކަލުންނަށް މާތް ﷲ ދެއްވި މުއުޖިޒާތް އެބޭކަލުންނާއި އެކުވަނީ ނިމިގޮސްފައެވެ. ނަމަވެސް محمد رسول الله صلى الله عليه وسلم ދެއްވި މުޢްޖިޒާތަކީ އަބަދަށް ދެމި އޮންނަ މުޢްޖިޒާތެކެވެ. محمد رسول الله صلى الله عليه وسلم ގެ މުޢްޖިޒާތުގައި ފާހަނގަކުރެވޭ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. އެއީ، އެބޭކަލުންގެ ރިސާލަތުގެ ތެދުކަން ހާމަކުރައްވާ ދަލީލުދައްކަވަން މާތް ﷲ ދެއްވާ މުޢްޖިޒާތެކެވެ. ނަމަވެސް މިއާ ޚިލާފަށް، محمد رسول الله صلى الله عليه وسلم އަށްދެއްވި މުޢްޖިޒާތަކީ، އެކަލޭގެފާނުގެ ރިސާލަތުވެސް މެއެވެ.

ކީރިތި ޤުރްއާނުގައިވާ ޢިލްމީ ޙަޤީޤަތް ތަކުން މިއަދުވެސް ހާމަވެގެން މިދަނީ ކީރިތި ޤުރްއާނަކީ މުޢްޖިޒާތެއް ކަމެވެ.