އޭޕްރިލް 2, 2025

ސާންތީ: މުޅި ހަޔާތް ހޭދަކުރީ ފުޓްބޯޅަ އަށް

އިހުސާން އަބްދުލްގަނީ (ސާންތީ) އަކީ ރާއްޖޭގެ ފުޓްބޯޅައިގެ އަގުހުރި ބްރޭންޑެވެ. އޭނާގެ މުޅި ހަޔާތް ޖަރީކޮށްފައިވަނީ ފުޓްބޯޅައިންނެވެ. އެ ދާއިރާ އިން އުނގެނުމުގަ އެވެ. ކިވައިދިނުމުގަ އެވެ. ބުނެދިނުމުގަ އެވެ. ރޭ މެންދަމު އޭނާ އަޅުގަނޑުމެންނާ ވަކިވެ، ދެމިއޮތުމުގެ އާލަމަށް ދަތުރުކުރި އިރު ދިރިތިބީންނަށް ދޫކޮށްފައި ދިޔައީ ފުޓްބޯޅައިގެ ތެރެއިން އަގުހުރި ފިލާވަޅު ތަކެކެވެ.

ސާންތީ އެންމެ ފުރަތަމަ ފުޓްބޯޅަ ކުޅުނީ ދެ ވަނަ ޑިވިޝަނުގަ އެވެ. އޭގެ ފަހުން ފުރަތަމަ ޑިވިޝަނުގެ ޔޫތު ސްޕޯޓްސް ކުލަބަށެވެ. އޭގެ ފަހުން ކްލަބް އީގަލްސްގެ ޖާޒީ ލުމަށްފަހު ކުޅުން ހުއްޓާލި އެވެ. އަބަދުވެސް ކުލަބު ވެލެންސިއާގެ ސަޕޯޓަރެއްގެ ގޮތުގައި ހުރި ސާންތީ އަށް އެ ކުލަބުން ހުށަހެޅުން ލިބިފައިވަނިކޮށް އޭނާ ކުޅުން ހުއްޓާލީ ކޯޗުކަން ކޮށްގެން މާބޮޑަށް ކުރިއަށް ދެވިދާނެ ކަމަށް ގަބޫލުކޮށްގެންނެވެ.

އެފްއޭއެމުގެ އޭރުގެ ޓެކްނިކަލް ޑައިރެކްޓަރު ރޫމޭނިޔާގެ ޑޮކްޓަރ ވިކްޓަރ ސްޓެންކްލެސްކޫގެ ދިން ފުރުސަތެއްގައި އޭނާ އެފްއޭއެމާ ގުޅުނީ ކޯޗުގެ އެހީތެރިއަކަށެވެ. ނަމަވެސް އެ ފިޔަވަޅާއެކު ކޯޗިންގެ ރޮނގުން ކުރިއަށް ގޮސް އޭނާ ވަނީ 2007 ވަނަ އަހަރުގެ އޭލައިސަންސް ފުރިހަމަކޮށްފަ އެވެ. ރާއްޖޭގައި ބޭއްވި ކޯހުން އެއްވަނަ ހާސިލުކުރީ ވެސް
އޭނާ އެވެ. އަދި ފަހުން އޭއެފްސީ ކޯޗިން އިންޓަކްޓަރ ކޯސް ފުރިހަމަކޮށް ރާއްޖޭގައި ލައިސަންސް ކިޔަވައިދޭން އޭއެފްސީގެ ހުއްދަ ލިބުނު ދެ މީހުންގެ ތެރެއިން އެކަކަށްވީ
ވެސް އޭނާ އެވެ.

ސާންތީއަކީ ފުޓްބޯޅައިގެ އިތުރުން ކުޅިވަރުގެ ވަރަށް ގިނަ ކަންކަމުގައި ހިދުމަތްތެރިއެކެވެ. އޭނާ ވަނީ ސާފް ގޭމްސް އާއި ބައިނަލްއަގްވާމީ ބޮޑެތި ގޭމްސްތަކުގެ ޗެފް ޑިމިޝަންކަން ކޮށްފަ އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަނަކީ ވެސް އޭނާ އެވެ. އެފްއޭއެމުގެ ޔޫތު ޑިވެލޮޕްމަންޓް އޮފިސަރުކަމުން ފެށިގެން ގޮސް އެ އިދާރާގެ ރެފްރީޒް ޑިޕާޓްމަންޓާއި ކޮމްޕެޓިޝަން ޑިޕާޓްމަންޓް އަދި ފަހުން ޓެކްނިކަލް ޑައިރެކްޓަރުކަން ވެސް ކުރި އެވެ. ކުޅިވަރުގެ ގައުމީ މަޖިލީހުގައި ވެސް މުހިންމު ދައުރެއް އަދާކުރި އެވެ.

ރާއްޖެގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން އެންމެ ގިނަ ދުވަހު ކުރި މީހަކީ ވެސް އޭނާއެވެ. ހާއްސަކޮށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގެ
އެސިސްޓެންޓް ކޯޗުކަން ކުރި އެވެ. އެ މުބާރާތުގެ ކުރިން އެތައް ގޮންޖެހުންތަކާ ކުރިމަތިލައި، ކާމިޔާބު ހޯދި އެވެ. ހާއްސަކޮށް ކުޅުންތެރިންގެ ކަންކަމުގައި ބާރަށް ބަސްބުނެ ކަންކަން ހައްލުކުރުމަށް ބުރަކޮށް މަސައްކަތް ކުރި އެވެ. އޭނާގެ ކުޅިވަރުގެ ހަޔާތުގެ އެންމެ މުހިންމު އަދި އެންމެ އަލިގަދަ ކާމިޔާބަކީ ވެސް ފުރަތަމަ ފަހަރަށް ފުޓްބޯޅައިން ރާއްޖެ އަށް ރަން މެޑަލް ހޯދައިދިނުމެވެ.

ސާންތީއަކީ ޒުވާން ކުޅުންތެރިން އުފެއްދުމުގައި ވަރަށް ހަރަކާތްތެރި ކޯޗެކެވެ. އޭނާގެ އެހީތެރިކަމާއެކު ގަލޮޅު ދަނޑަށް ނުކުތް ކުޅުންތެރިންގެ އަދަދު ހާހަކާ ގާތްކުރާއިރު ކުޅުންތެރިންނަށް ދަތިވާ ކަންކަމުގައި އެހީތެރިވެދީ ބައެއް ފަހަރު އަމިއްލަ ޖީބުން ހޭދަކުރީ ވެސް ކުޅުންތެރިންނާއި ފުޓްބޯޅަ އަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.

ކުލަބު ފުޓްބޯޅަ އަށް އޭނާ އެނބުރިގަތީ ގައުމީ ޓީމުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު އެވެ. އެންމެ ފުރަތަމަ ހަވާލުވީ އޭނާގެ ކުރީގެ ޓީމު އީގަލްސްއާ އެވެ. ދެ ފަހަރެއްގެ މަތީން އެ ކުލަބަށް ކޯޗުކޮށްދީ، ގައުމީ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްދިނެވެ. އެއަށްފަހު ޔުނައިޓެޑް ވިކްޓަރީގެ ކޯޗުކަމާއި އަތޮޅުތެރެއިން ބ. އަތޮޅު އޭދަފުށީގެ ކޯޗުކަން ވެސް ކުރި އެވެ.

ސާންތީގެ ވަކިވެ ދިއުމަކީ ދިވެހި ފުޓްބޯޅަ އަށް ލިބުނު ވަރަށް ބޮޑު ހުސްކަމެކެވެ. އޭނާގެ ބައިސައްތަވީ ދުނިޔަވީ ހަޔާތުގެ ހުރިހާ ކުލަތަކެއް ގުޅިފައިވަނީ ފުޓްބޯޅައާ އެވެ.

މަރުހޫމްގެ ފުރާނަ އަށް ރަހުމަތާއި ފުއްސެވުން ސުވަރުގެ ދެއްވުން އެދި ދުއާ ދަންނަވަމެވެ.