އޭޕްރިލް 9, 2025

މިދިޔަ އަހަރު 148 މީހުންނަށް ޓީބީ ޖެހުނު: އެޗްޕީއޭ

ރާއްޖޭގައި މިދިޔަ އަހަރު 150 އެއްހާ މީހުންނަށް ޓީބީ ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފި އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ހަވާލާދީ އެޗްޕީއޭއިން ބުނީ 2023 ވަނަ އަހަރު 10.8 މިލިއަން މީހުންނަށް ޓީބީ ބަލި ޖެހިފައިވާ ކަމަށެވެ. އެއީ ހަ މިލިއަން ފިރިހެނުންނާއި 3.6 މިލިއަން އަންހެން އަދި 1.3 މިލިއަން ކުޑަކުދިންނެވެ.

ހަމަ އެ އަހަރު ޓީބީގައި ދުނިޔެއިން 1.2 މިލިއަން މީހުން މަރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެ އިދާރާއިން ބުނީ ރާއްޖޭގައި މިދިޔަ އަހަރު ޓީބީގެ 148 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ޓީބީ ދުވަހަށް މި އަހަރު ކަނޑައަޅާފައިވަނީ ”އާދެ، ޓީބީ ނައްތާލެވިދާނެ: އެކަމަށް މަސައްކަތްކުރޭ، ހޭދަކުރޭ، ޑެލިވާ ކުރޭ“ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ޓީބީ ބައްޔަކީމައިކޯބެކްޓީރިއަމް ޓިއުބަކިއުލޯސިސް ކިޔާ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ފުއްޕާމެއަށް އާއްމުކޮށް ޖެހޭ ޓީބީއަކީ ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ޖެހިދާނެ އެވެ. ނަމަވެސް ޓީބީ ގައިންގަޔަށް ފެތުރެނީ ހަމައެކަނި ފުއްޕާމެއަށް ޓީބީ ޖެހި، ކުޅުން ޖަރާސީމު ފެންނަ ބަލި މީހުންގެ ފަރާތުންނެވެ.

ފުއްޕާމެއަށް ޓީބީ ޖެހިފައިވާ މީހުންގެ ތެރެއިން ޓީބީގެ ޖަރާސީމު ކުޅުން ފެންނަ މީހުން ކެއްސައި ކިނބިހި އަޅައި ނުވަތަ ކުޅު ޖެހުމުން ވައިގެ ތެރެއަށް ބޭރުވާ ޖަރާސީމުތައް އެހެން މީހެއްގެ ނޭވާލާ ނިޒާމުގެ ތެރެއަށް ވާސިލްވެ އެވެ.

ޓީބީގެ އަލާމާތްތައް

– ކުއްލިއަކަށް ބަރުދަން ލުއިވުން
– ވަރުދެރަވުން
– ހީކެރުވުން އަދި އާދަޔާ ހިލާފަށް ދާހިއްލުން
– ހުންއަރުން
– މޭގައި ރިއްސުން އަދި ކެއްސާފައި އަންނަ ދަވާގައި ލޭ ހުރުން
– ދެ ހަފުތާއަށް ވުރެ ގިނަ ދުވަސްވަންދެން ކެއްސުން

ބަލީގެ ނުރައްކާ ބޮޑު މީހުން

– ދިގު މުއްދަތަކަށް ބޭސްކުރާ މީހުން އަދި ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުން [ހަކުރު ބަލި/ކެންސަރު ބަލި/ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން/އެއިޑް ޖެހިފައިވާ މީހުން]
– ބީސީޖީ ވެކްސިން ފުރިހަމަ ނުވާ ފަސް އަހަރުން ދަށުގެ ކުދިން
– ދުންފަތުގެ އިސްތިއުމާލުކުރާ މީހުން
– އުމުރުން ދުވަސްވީ މީހުން

ޓީބީން ރައްކާތެރިވުން

– އަލާމާތްތައް ހުރިނަމަ ވީހާ ވެސް އަވަހަށް ޓެސްޓުކޮށް ފަރުވާ ހޯދުން
– ކެއްސައި ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ރަނގަޅަށް ނިވާކުރުން
– ބަލި ޖެހިފައިވާ މީހަކު ދިރިއުޅޭނަމަ ގޭގައި ރަނގަޅަށް ވައި ދައުރުވާހެން ބެހެއްޓުން
– ތަންތަނަށް ނުޅު ނުޖެހުން

Leave a Reply