ފަލަސްތީނުގެ ރައްޔިތުން ގާޒާއިން ބޭރުކުރަން އިޒްރޭލުން އުޅޭތީ އެކަން ރާއްޖެއިން ކުށްވެރިކޮށްފި

ފަލަސްތީނުގެ ރައްޔިތުން މަޖުބޫރުން ގާޒާއިން ބޭރުކުމުގެ މަގުދުގައި އޭޖެންސީއެއް ގާއިމުކުރުމަށް އިޒްރޭލުން ކޮށްފައިވާ އިއުލާން ރާއްޖެއިން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އިޒްރޭލުން ގާޒާގައި އެޖެންސީއެއް ގާއިމުކުރުމަށްކުރި އިއުލާނާއި ހުޅަނގު އައްސޭރީގައިވާ 13 ޣައިރުގާނޫނީ އާބާދީ ހިމެނޭ ސަރަޙައްދު ވަކިކޮށް، އެ އާބާދީތަކަށް ގާނޫނީ ހައިސިއްޔަތު ދިނުމަށް ތައްޔާރުވުމުގެ ގޮތުން އިޒްރޭލުން ރާވާފައިވާ ރޭވުންތައް އެންމެ ހަރުކަށި އިބާރާތުން ރާއްޖެއިން ކުށްވެރިކުރާ ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ ބިމުން ނެރުމަށް ހިންގާ އެފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނާއި އދ.ގެ ގަރާރުތަށް، ހާއްސަކޮށް އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރު 2334 އާ މުޅިން ހިލާފު އަމަލުތަކެއްކަމުގައި ރާއްޖެއިން ގަބޫލުކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި އެފަދަ އަމަލުތަކަކީ ސުލްހައަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭ އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި ކަރާމާތަށް ނުރައްކާވާފަދަ ކަންތައްތަކެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ސުލްހަވެރި ހައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިއޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްތީނަކީ މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރުހިނގާ ދައުލަތެއްގެގޮތުގައި ގާއިމުކުރެވުމުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.