ތެލެސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތަކީ ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން އެ މަސައްކަތް ނިންމަން ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންނާ ވީހާވެސް ގާތުން މުއާމަލާތްކޮށް، މައުލޫމާތު ހިއްސާކުރުމަށްޓަކައި ’ރައްޔިތުންނާ އެކު‘ ގެ ނަމުގައި ރައީސް މިއަދު ފެއްޓެވި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ތެލަސީމިއާ ސެންޓަރުގެ ހާލަތު އެނގިވަޑައިގަންނަވާ ކަމަށާއި އެގޮތުން އެތަނުގެ ހާލަތާ ގުޅޭ ގޮތުން ކެމްޕޭން ތެރޭގައި ވައުދުތަކެއް ވެސް ވެވަޑައިގެންފައިވާނެ ކަމަށެވެ.
ނަމަވެސް އެ މަނިކުފާނު މިފަހުން ދެއްވި އިންޓަވިއެއްގައި ތެލެސީމިއާ ސެންޓަރުގެ ހާލަތު އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައިވަނީ އެހެން މާނައެއްގައި ކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑު ދެންނެވި ވާހަކައަކީ މި ގޮތަށް މި ކަންކަން ރަނގަޅުނުކޮށް، ނޫނީ އެޓެންޑްނުކޮށް ހުރިކަމެއް އަޅުގަނޑަކަށް ނޭނގޭ. އެއީ، އަޅުގަނޑު ރިޔާސީ އިންތިހާބުގައި އަޅުގަނޑާ އެ ބޭފުޅުން ބައްދަލުކުރި. އެ ކަންކަމަށް އަލިއަޅުވާލައި އަޅުގަނޑު ވައުދުތަކެއް ވެސް ވިން. އެ ކަންކަން ހައްލުކުރަން ހަވާލުކޮށްފައި އަޅުގަނޑު އޮތީ،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ތެލެސީމިއާ ސެންޓަރުގެ ހާލަތު ރަނގަޅުކުރުމުގެ ގޮތުން ތެލެސީމިއާ ސެންޓަރަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމުގެ ގޮތުން ޓެސްޓް ކުރުމަށް ބޭނުންކުރާ ސާމާނާއި ތަނުގެ ފެންވަރު ރަނގަޅު ކުރުމަށް ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ކޮވިޑް-19 ފެސިލިޓީގެ ގޮތުގައި ކުރިން ހުޅުމާލޭގައި ބޭނުންކުރި އޮރެންޖް ހިޔާގެ އިމާރާތުން ފްލޯއެއް ތެލެސީމިއާ ސެންޓަރު ހިންގުމަށް ހަމަޖައްސާފައި އޮތް ނަމަވެސް އެ ތަނުގެ މަސައްކަތް ހަވާލުކުރި ކުންފުނިން އެ މަސައްކަތުގެ ދެބައިކުޅަ އެއްބައި މަސައްކަތް އަދިވެސް ނިންމާފައިނުވާތީ އާއި އެ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތުވެސް ހަމަވެފައިވާތީ އެ އެއްބަސްވުމުގެ މުއްދަތު އިތުރުނުކޮށް، މިހާރު އެތަނުގެ މަސައްކަތް ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
”އަޅުގަނޑު ވާނީ ސިފައިންނަށް މަސައްކަތް ހަވާލުކޮށްފައި. އޭރު ކޮންޓްރެކްޓް އޮތް ފަރާތުގެ މުއްދަތު ހަމަވޭ. އެހެންވެ މުއްދަތު އިތުރުނުކޮށް ގާނޫނާއި ގަވާއިދުގެ ތެރެއިން އެކަން އޮންނަ އުސޫލުން ނިމުމަކަށް ގެނެސްގެން،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އެ ސެންޓަރު ނިންމުމުގެ މަސައްކަތަށް ސިފައިން މާދަމާ ނުކުންނާނެ ކަމަށާއި އަދި އަންނަ އޭޕްރީލް މަހުގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމާނެ ކަމަށެވެ. އަދި އެތަނުގެ ކައިރީގައި ބަސް ސްޓޮޕެއް ހަދައި، ތެލެސީމިއާ ޕޭޝަންޓުންނާއި އެ މީހުންގެ ބެލެނިވެރިންނަށް ބަހުގައި ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ގުޅުންހުރި
ލިވަޕޫލް އާއެކު ހިންގާ ކެމްޕެއިން ރަސްމީކޮށް އިއުލާން ކުރުމަށް ރައީސް ޔޫކޭއަށް
ރާއްޖޭގެ މިނިވަންކަން ގާއިމުކުރަން ހިންގާ މަޝްރޫއުތަކުގެ އަގު 100 މިލިއަން ޑޮލަރަށް
އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ފަރާތްތަކަށް ރައީސްގެ ޝުކުރު
”އީދު ހަވީރު“ ހަރަކާތުގައި ރައީސް ދެކަނބަނލުން ބައިވެރިވެވަޑައިގެންފި
ކެލާގެ ފަޅުގައި 2 ރިސޯޓް ހަދަން އެ ރަށުގެ ސައިޒަށްވުރެ ބޮޑު
ޒުވާނުން ދުންފަތާ ދުރުކުރުމުގެ މަގުސަދުގައި ”ޖެނެރޭޝަން ބޭން“ އެއް ތައާރަފުކުރަނީ