ހއ. ކެލާ --- ފޮޓޯ: އިމްކާން

ކެލާގެ ފަޅުގައި 2 ރިސޯޓް ހަދަން އެ ރަށުގެ ސައިޒަށްވުރެ ބޮޑު ސަރަހައްދެއް ކަނޑައަޅައިފި

ހއ. ކެލާގެ ފަޅުގައި ދެ ރިސޯޓް ހެދުމަށް، އެ ރަށުގެ ސައިޒަށްވުރެ ބޮޑު ސަރަހައްދެއް ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ރައީސް އެގޮތަށް ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމަށް ރައީސަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން އެ މަނިކުފާނު މިއަދު ނެރުއްވި ގަރާރަކުން ކަމަށެވެ.

އެގޮތުން ރައީސްގެ ގަރާރުގައިވާ ގޮތުން ކެލާގެ ފަޅުގައި ދެ ރިސޯޓް ހަދަން ކަނޑައަޅާފައިވަނީ 325.5 ހެކްޓަރެވެ. އެއީ ކެލާ ފަޅުގެ 13 ޕަސެންޓެވެ. އަދި އެއީ 203 ހެކްޓަރުގެ ކެލާއަށްވުރެ 122 ހެކްޓަރު ބޮޑު ސަރަހައްދެކެވެ.

ކެލާ ފަޅުގައި ދެ ރިސޯޓް ހެދުމަކީ ރައީސްގެ ވައުދުފުޅެކެވެ. އެކަން ކޮށްދެއްވާނެ ކަމަށް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ފިއްލަދުއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.