އިނގިރޭސި ވިލާތުގެ ލިވަޕޫލް އެފްސީއާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގުޅިގެން، ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމަށް ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފި އެވެ.
ލިވަޕޫލް އެފްސީގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައި ރާއްޖެ ހަމަޖައްސައި އެމްއެމްޕީއާރުސީން އެކަން ހާމަކުރީ މިދިޔަ މާރިޗު މަހުގެ 13 ވަނަ ދުވަހު އެވެ.
އެމްއެމްޕީއާރުސީން ކުރިން ބުނެފައިވާ ގޮތުން އެ ޕާޓްނާޝިޕް ރަސްމީކޮށް އިއުލާން ކުރާނީ މި މަހުގެ ދެވަނަ ދުވަހު ލިވަޕޫލް އާއި އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގައެވެ. އެގޮތުން އެ މެޗުގައި އެންފީލްޑް ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި އެ ޕާޓްނާޝިޕާއި ރާއްޖޭގެ މަންޒަރުތައް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
ރައީސް އޮފީހުން ބުނީ ލިވަޕޫލް އެފްސީގެ ސީއީއޯގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި އިނގިރޭސި ވިލާތުގައި ތިބި ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، އަކްސާ ޓްރެއިނިން ސެންޓަރަށް ޒިޔާރަތްކުރައްވައި، އެންމެ މަތީ ފެންވަރުގައި ފުޓުބޯޅައިގެ ތަމްރީނާއި ކޯޗިންގެ ކަންކަން ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އޭގެ އިތުރުން ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުން، ރެޑް ވޭއާއި ލިވަޕޫލްގެ އެކަޑަމީގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާނެ ކަމަށާއި އަދި ފަތުރުވެރިކަން އިސްތިހާރުކުރުމަށާއި ރާއްޖެއާއި ލިވަޕޫލް އެފްސީއާ ދެމެދު އޮތް ޕާޓްނާޝިޕް އިތުރަށް ހަރުދަނާކުރުމަށް ދެ ފާރާތް ގުޅިގެން ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތްތައް ހިންގެވުމާ ގުޅޭ ދޭދޭ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޑައިގަންނަވަނީ ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމާއި ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއުއާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިސްވެރިންނެވެ.
ރައީސް އޮފީހުން ބުނީ، އިނގިރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.
އެމްއެމްޕީއާރުސީން ބުނި ގޮތުގައި ލިވަޕޫލް އާއެކު ހެދި ޕާޓްނާޝިޕްގެ ސަބަބުން މި އަހަރު ރާއްޖެއަށް އިތުރު އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވެ އެވެ. އަދި ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ގުޅުންހުރި
ރައީސް އޮފީހުން ހަލާކުވެފައިވާ އޭސީތަކަކާއި ހޮޅިތަކެއް ނީލަމުގައި ވިއްކާލަނީ
ދިވެހި އާއިލާތައް ބަދަހިވެ، ފުދުންތެރިވި ވަރަކަށް ގައުމުގެ ކުރިއެރުން ހަލުވިވާނެ: ރައީސް
ހައްޖަށް ދާ މީހުންގެ ކާޑަށް އިތުރު 1،750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަން
ކިތަންމެ ހިތްހަމަ ނުޖެހުނަސް މުއިއްޒުގެ ވެރިކަމަށްވުރެ ސޯލިހުގެ ވެރިކަން ރަނގަޅު: ޔާމީން
ނަރުހުންގެ އަގު، ކުރީ ސަރުކާރުތަކުން ވަޒަންނުކުރާ މިންވަރަށް ވަޒަންކުރާނަން: ރައީސް
ދުނިޔެ ދެކޭ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަތަލުންނަކީ މަންމައިން: