ރައީސްގެ ޔޫކޭ ދަތުރުފުޅު: ލިވަޕޫލްގެ ފުޓްބޯޅަ އެކެޑަމީއެއް ރާއްޖޭގައި ހަދަން މަޝްވަރާ ކުރާނެ

އިނގިރޭސި ވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލިވަޕޫލް އެފްސީގެ ފުޓްބޯޅަ އެކެޑަމީއެއް ރާއްޖޭގައި ހަދަން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ވިލާތުގެ ލިވަޕޫލް އެފްސީއާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގުޅިގެން، ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމަށް ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވުމަށް ރައީސް އިނގިރޭސި ވިލާތަށް ފުރާވަޑައިގަތީ ރޭގެ ވަގުތެއްގަ އެވެ.

ރައްޔިތުންނާ ވީހާވެސް ގާތުން މުއާމަލާތްކޮށް، މައުލޫމާތު ހިއްސާކުރުމަށްޓަކައި ރައީސް ފެއްޓެވި ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ލިވަޕޫލްގެ ފުޓްބޯޅަ އެކެޑަމީއެއް ރާއްޖޭގައި ހެދިއްޖެ ނަމަ ކުޑަކުދިންނާއި ޒުވާނުންނަށް އެއީ ލިބޭނެ ވަރަށް ރަނގަޅު ފުރުސަތަކަށްވާނެ ކަމަށެވެ. ލިވަޕޫލް އާއެކު އެ މަޝްވަރާތައް ކުރިއަށްދާނީ އެ ކްލަބާއި އެމްއެމްޕީއާރުސީއާ ދެމެދު ހަދާފައިވާ ޕާޓްނާޝިޕްގެ ދަށުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ލިވަޕޫލްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައި ރާއްޖެ ހަމަޖައްސައި އެމްއެމްޕީއާރުސީން އެކަން ހާމަކުރީ މިދިޔަ މާރިޗު މަހުގެ 13 ވަނަ ދުވަހު އެވެ.

އެ ޕާޓްނާޝިޕް ރަސްމީކޮށް އިއުލާން ކުރާނީ މިއަދު ލިވަޕޫލް އާއި އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގައެވެ. އެގޮތުން އެ މެޗުގައި އެންފީލްޑް ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި އެ ޕާޓްނާޝިޕާއި ރާއްޖޭގެ މަންޒަރުތައް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.