އޭޕްރިލް 7, 2025

އެޗްޑީސީގެ ބޯޑު މެންބަރަކު މަގާމުން ވަކިކޮށްފި

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު ވަހީދު ވަކިކޮށްފި އެވެ.

 މުހައްމަދު ވަހީދު އެޗްޑީސީގެ ބޯޑަށް ހަމަޖެއްސީ ޑިސެމްބަރު 2023ގަ އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އެޗްޑީސީގެ ޑިރެކްޓަރުގެ މަގާމުން މުހައްމަދު ވަހީދު މިއަދު ވަކިކޮށްފައިވާ ކަމަށެވެ.

އޭނާ ވަނީ މީގެ ކުރިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ހައުސިން މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

މުހައްމަދު ވަހީދަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެ ސްކީމުން ގޯތި ލިބުނު ކަމަށް ވަގު ލިޔުންތަކެއް ތައްޔާރުކޮށް ވަގަށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ބޯޑުން ސަސްޕެންޑުކޮށް، ޕާސްޕޯޓު ހިފެހެއްޓި އެކަކެވެ.