ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މެޓު އޮފީހުން ބުނެފި އެވެ.
މެޓު އޮފީހުން މިއަދު ބުނީ ކުރިއަށް އޮތް 24 ގަޑިއިރު، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށެވެ. މެޓުން ބުނީ ގުގުރުން އެކަށީގެންވާކަމަށާއި، އަދި ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓު އޮފީހުން ވަނީ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލެކެވެ. އެއީ ފުވައްމުލަށް ސިޓީއިން އައްޑޫ ސިޓީއާއި ހަމައަށެވެ. އެ ސަމާލު ނެރެފައިވަނީ މިއަދު ފަތިހު 05:30 އިން ހެނދުނު 10:30އަށެވެ.
އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.
ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގައި ކަމަށް މެޓުން ބުންޏެވެ.
ފާއިތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ލ.ކައްދޫއަށްށެވެ. އެގޮތުން ލ.ކައްދޫއަށް 159.5 މިލިމިޓަރުގެ ވާރޭވެހިފައިވެއެވެ.


