ދަތުރުފަތުރުގެ ދާއިރާގައި ހިނގާ އެކްސިޑެންޓުތައް ތަހުގީގުކުރަން ވަކި އިދާރާއެއް!

ރައީސް ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ނަމުގައި އާ އިދާރާއެއް މިއަދު އުފައްދައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް މުއިއްޒު އެ އިދާރާ އުފައްދަވަން ނިންމެވީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަހުގީގުކުރުމަށް ސަރުކާރުގެ ވަކި އިދާރާއެއް ހުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ އެވެ.

އެ އިދާރާ ހިންގުމަށް ހަމަޖައްސާފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުންނެވެ.

މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޒިންމާތައް:

  • ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކްސިޑެންޓްތައް ތަހުގީގުކުރުމާއި އެފަދަ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތައް ދެނެގަތުން
  • ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކްސިޑެންޓްތަކުގެ ތަހުގީގުތަކުން ހޯދޭ ހޯދުންތަކަށް ބިނާކޮށް ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކާއި ގަވާއިދުތައް ހަރުދަނާކުރުމަށް، ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމާއި ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުން.
  • ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ދަތުރުފަތުރުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ލަފާދިނުމާއި ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުން
  • ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ ސަލާމަތީ މައްސަލަތަކާއި ޓްރެންޑްތައް ދެނެގަތުމަށް ދިރާސާތަކާއި ތަހުލީލުތައްކުރުން
  • ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތަކާ ގުޅިގެން ބާއްވަންޖެހޭ އާންމު އަޑުއެހުންތައް އިންތިޒާމުކުރުން
  • ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތަކުގެ ތަހުގީގުތަކާ ގުޅިގެން އާންމުކުރަންޖެހޭ މައުލޫމާތު އާންމުކުރުމާއި ރިޕޯޓުތައް ޝާއިއުކުރުން