މާލޭ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ފުޅާކޮށް ތާރު އަޅައިގެން ތަރައްގީކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.
ބޮޑުތަކުރުފާނު މަގުގެ ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް، ކޮޅަކަށް ދެ ލޭނު އޮންނަ ގޮތަށް ހަތަރު ލޭނަށް ފުޅާކޮށް ތާރު އަޅައި ތަރައްގީ ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ އިއްޒުއްދީން ފާލަން އަލުން ހުޅުވުމަށް މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ބޭއްވި ރަސްމިއްޔާތުގަ އެވެ.
ރައީސް އެރޭ ވިދާޅުވީ، އެ މަސައްކަތް ރޯދައަށްފަހު އެމްޓީސީސީއާ ހަވާލުކޮށް ފަށާނެ ކަމަށެވެ.
އެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކުރި އިރު، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 15 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 144.5 މިލިއަން ރުފިޔާއަށެވެ.
އެ މަޝްރޫއު ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:
- ބޮޑުތަކުރުފާނު އުތުރު ފަރާތުގެ ކީވޯލް ބޭރަށް ޖައްސައި މަގު ފުޅާކުރުން
- 830 މީޓަރުގެ މަގުގައި ތާރު އެޅުން
- ފެން ހިންދާ ނިޒާމު ގާއިމުކުރުން
- ދުވާރުތައް ހެދުން
- ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުން

ގުޅުންހުރި
އެމްޑަބްލިޔުއެސްސީން ކުމުންދޫގައި ގާއިމުކުރި ފެނާއި ނަރުދަމާގެ ނިޒާމު އިފުތިތާހުކޮށްފި
ބޮޑުތަކުރުފާނު މަގު ތަރައްގީކުރާތީ ރަސްމީ ފާލަން ފަޅު ބަންދުކޮށްފި
މަގު ހެދުމުގެ މަސައްކަތަށް ބޮޑުތަކުރުފާނުގެ މަގުގެ އެއް ބަޔާއި ފަޅުގެ ބައެއް
އެމްޑަބްލިޔުއެސްސީން ކެންދޫގައި ގާއިމުކުރި ފެނާއި ނަރުދަމާގެ ނިޒާމު އިފުތިތާހުކޮށްފި
ރަށްރަށުގެ މަގުތައް ރަނގަޅުވާނީ ތާރު ނާޅައި ތަރައްގީ ކުރުން: ރައީސް
އެމްޑަބްލިޔުއެސްސީން ފިޔޯރީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިންމާލައިފި