އޭޕްރިލް 13, 2025

އުނގޫފާރު ބިން ހިއްކުން: އެމްޓީސީސީ އަށް އަހަރެއް ތެރޭ ހިއްކުނީ 1 ޕަސެންޓް!

ރ. އުނގޫފާރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 64 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ބުނި ނަމަވެސް އަހަރެއް ތެރޭ ހިއްކުނީ އެންމެ ޕަސެންޓެއްކަން ހާމަވެއްޖެ އެވެ.

އުނގޫފާރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޖަނަވަރީ 2021ގައެވެ. ސަރުކާރު ބަދަލުވި އިރު، އެ މަޝްރޫއުގެ 50 ޕަސެންޓަށްވުރެ ބޮޑުބައެއް އޮތީ ނިމިފަ އެވެ.

އެމްޓީސީސީން މިދިޔަ އަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އުނގޫފާރު ބިން ހިއްކުމުގެ 63 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

ނަމަވެސް އޭގެ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން މިއަދު އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ 64 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އެއީ އަހަރެއް ތެރޭ 1 ޕަސެންޓް މަސައްކަތެވެ.

އުނގޫފާރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، 10 ހެކްޓަރުގެ ބިން ހިއްކުމާއި 838.60 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 75 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.

މި މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއާ ފުރަތަމަ ހަވާލުކުރީ 75.3 މިލިއަން ރުފިޔާއަށެވެ. ނަމަވެސް އެމްޓީސީސީން މަޝްރޫއުތަކުގެ އަގު ހާމަނުކުރާތީ އެ މަޝްރޫއުގެ އަގަށް ބަދަލު އައި ކަމެއް ނޭނގެ އެވެ.