އޭޕްރިލް 14, 2025

އެމްޑަބްލިއުއެސްސީގެ އެކުވެރި ރޯދަ :30 އުމްރާ ދަތުރު ލިބޭ ތިން ނަސީބުވެރިން ހޮވައިފި

އެމްޑަބްލިއުއެސްސީއަށް 30 އަހަރު ފުރުމާއި ރޯދަ މަހާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގައި އުމްރާ ދަތުރު ލިބޭ ތިން ނަސީބުވެރިން މިއަދު ހޮވައިފި އެވެ.

”އެކުވެރި ރޯދަ 30: އުމްރާ 3 ދަތުރު“ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަނަކީ އެމްޑަބްލިއުއެސްސީގެ ކަސްޓަމަރުންނަށް ފަހި ފުރުސަތެއް ތަނަވަސް ކޮށްދިނުމާއެކު، ވީހާވެސް ގިނަ ކަސްޓަމަރުން އެ ކުންފުނީގެ އެޕަށް އަހުލުވެރިކުރުމުގެ ގޮތުން މިދިޔަ މާޗު މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.

އެ ޕްރޮމޯޝަނުން ގުރުއަތުން ހޮވުނު ތިން ފަރާތަކީ ދަފްތަރު ނަންބަރު: ދރ 1672/ ޝަމްރޫޒް އިބްރާހީމް، ތ. ތިމަރަފުށި/ އުދަރެސް، މުހައްމަދު ސަރާހް، ގ. ރަންދެލިގެ/ އަލީ ނާޒިމެވެ.

އެމްޑަބްލިއުއެސްސީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނަސީބުވެރިންނަށް އުމްރާ ދަތުރު ލިބުނުކަމުގެ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްޑަބްލިޔުއެސްސީގެ ޗެއާޕާސަން ޝަމްހޫޒާ އަހުމަދާއި ބޯޑްގެ މެމްބަރުންނެވެ. ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދާއި ސީނިއާ މެނޭޖުމަންޓް ޓީމް އަދި މުވައްޒަފުން ބައިވެރިވި އެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ނަސީބުވެރިންނަށް އުމްރާ ދަތުރު ހަމަޖައްސައިދެވޭނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ކަމަށެވެ. އަދި އުމްރާ ދަތުރު ލިބުނު ފަރާތްތަކުން އެ ދަތުރު ބޭނުން ނުކުރެވޭ ނަމަ، އެހެން މީހަކަށް ބަދަލުކުރުމުގެ ފުރުސަތު ދެވިގެންދާނެ ކަމަށާއި ނަމަވެސް އުމްރާ ދަތުރު ފައިސާއަށް ބަދަލުނުކުރެވޭނެ ކަމަށް ބުންޏެވެ.