އޭޕްރިލް 13, 2025

އުނގެނޭ އިލްމުން ﷲ ގެ ރުހިވޮނޑީގަތުން ހޯދަން މަސައްކަތްކުރަންޖެހޭ: ހުތުބާ

ކުރިމަގު ބިނާކުރުމަށް އުނގެނޭ އިލްމުން ﷲ ގެ ރުހިވޮނޑީގަތުން ހޯދަން ޖެހޭ ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުބާ ހާއްސަ ކޮށްފައިވަނީ ތަރައްގީގެ އަސާސަކީ ތައުލީމާއި ތަރުބިއްޔަތުގެ މައްޗަށެވެ.

ހުތުބާގައި ބުނީ ﷲ ވަނީ ތައުލީމު ފެތުރުމަށް ވަރަށް ބޮޑަށް އިސްކަމެއް ދެއްވައިފައި ކަމަށެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވި ކަމަށް ހުތުބާގައި ބުންޏެވެ.

މުސްލިމުންގެ ހިތްތަކުގައި ކީރިތި ރަސޫލާ އިންދަވައިދެއްވި އިލްމުގެ އޮށްތަކުން ފެޅި ގަސްތައް ބިޔަވެ، ޒަމާނާއި، ޙާލަތާ ފައިހަމަވާ ބަޔަކު ބިނާކުރި، އުފެއްދުންތެރި އުއްމަތަކަށް އިސްލާމީ އުއްމަތްވެގެންދިޔަ ހުތުބާގައި ބުންޏެވެ. ޔޫނާނީ ބަހުންނާއި ފާރިސީ ބަހުން ހުރި އިލްމުތައް، އަރަބި ބަހަށް ތަރުޖަމާކުރުމާއި، އިލްމާއި ފަންނުގައި، އާ އެތައް އީޖާދެއް ކޮށް، ފޮތްތައް ލިޔެ ޝާއިއުކުރި ވަރުގަދަ ޙަޟާރަތެއް މި އުންމަތް ބިނާކުރި ކަމަށް ހުތުބާގައި ބުންޏެވެ. މި އީޖާދުތަކުގެ ސަބަބުން ދުނިޔޭގެ ލައިބްރަރީތައް މުއްސަނދިވެ، ސިކުނޑިތައް ހުޅުވި، އިސްލާމީ ތައުލީމު އާންމުވުމުގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުގައި ސުލްހަމަސަލަސްކަން ގާއިމުވެގެންދިޔަ ކަމަށް ހުތުބާގައި ބުންޏެވެ.

”މި ފެށުނު ދިރާސީ އަހަރު، ތިޔަ ކުދީންނަށް އިސްލާމް ދީނާއި ދުންޔަވީ ރޮނގުތަކުން އިތުރު ކުރިއެރުންތަކެއް ލިބޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! ދުނިޔެއާއި އާހިރަތަށް ފައިދާ ހުރި، އިލްމީ ހަރަކާތްތަކުން، ތިޔަކުދީންގެ ހުސްވަގުތު ފަޅުފިލުވައިލާށެވެ! ކުތުބުހާނާތަކުގެ ފޮތްތަކާއި، ލެބޯޓަރީގެ ސާމާނުތަކާއި، ތައުލީމީ ވަސީލަތްތަކުގެ ބޭނުން، ހެޔޮ ގޮތުގައި ހިފައިގެންނެވެ. ތިޔަ ކުދީންގެ މައިންބަފައިންނަށް އިހުތިރާމުކޮށްގެންނެވެ. ލޮބުވެތި މުދައްރިސުންނަށް ހައްގުވާ ގަދަރާއި އިހުތިރާމު އަދާކޮށްގެންނެވެ. އެ މީހުންނަކީ ދުނިޔެއާއި އާހިރަތުގެ ހެޔޮ މަގަށް އަލިކޮށްދޭ ދަންމަރުތަކެކެވެ. ތިޔަ ކުދީންގެ މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، ނަބީބޭކަލުން ކުރެއްވި މަސައްކަތްޕުޅެވެ. އެ ބޭކަލުން ފޮނުއްވުނީ މީސްތަކުންނަށް ހެޔޮ ކަންތަކަށް އަމުރުކުރައްވައި، ނުބައި ކަންތަކާ ދުރުހެލިވުމަށް އިރުޝާދު ދެއްވާ ބޭކަލުންގެ ގޮތުގައެވެ. ސުވަރުގޭގެ އުފާވެރިކަމުގެ ހަބަރާއި، ނަރަކައިގެ ބިރުވެރިކަމުގެ އިންޒާރު ދެއްވާ ބޭކަލުންގެ ގޮތުގަ އެވެ.“ ހުތުބާގައި ބުންޏެވެ.

މައިންބަފައިންނާއި ދައުލަތުން، ތިޔަކުދީންގެ ތައުލީމާއި ތަރުބިޔަތަށް ޓަކައި ތަނަވަސްކޮށްދީފައިވާ ފުރުސަތުތަކުގެ ބޭނުން ހިފާށެވެ! ތިޔަކުދީން އުނގެނޭ އިލްމުގެ ނޫރުން، اللهގެ ރުހިވޮޑިގަތުން ހޯދާށެވެ! މައިންބަފައިންނަށް ހިތްހަމަޖެހުމާއި، ގައުމަށް ކުރިއެރުން ހޯދައިދޭށެވެ! އިސްލާމް ދީނާއި ވަތަނަށް ޓަކައި ގުރްބާންވާން ކެރޭ ބަޔަކަށް ވުމަށް ޓަކައި، ތިޔަކުދީންގެ ހަށިތަކާއި ނަފުސުތައް ހާނުވައި، ތައްޔާރުކުރާށެވެ! އިސްލާމްދީނާއި، ދިވެހި ގައުމު ދެކެ ލޯބިވާ ދަރީންނަށް ވާށެވެ“

ދަރީން ތަރުބިޔަތުކޮށް، ރާއްޖޭގެ ތަޢުލީމީ މަންހަޖުގައި ބަޔާންކުރާ ފަދައިން، އިސްލާމް ދީނަށާއި ގައުމަށް ވަފާތެރި، ފައިދާހުރި ބަޔަކަށް އެ ކުދީން ހެދުމުގައި އެދުރުންގެ ދައުރު ވަރަށް ބޮޑު ކަމަށް ހުތުބާގައި ބުންޏެވެ.

އެ ކުދީންނަށް ރަނގަޅު ކަމުގައި ފެންނާނީ، އެދުރުން އެކުދީންނަށް ރަނގަޅުކަމުގައި ދެއްކެވި ކަމެއް ކަމަށާއި އެ ކުދިން ހުތުރު ކަމުގައި ދެކޭނީ ވެސް އެދުރުން އެ ގޮތަށް ދެކެވަޑައިގަންނަވާ ކަންކަމަށް ހުތުބާގައި ބުންޏެވެ. ވީމާ އެ ކުދިން އިސްލާމްދީނާއި ގައުމު ދެކެ ލޯބިވާ، ގައުމުގެ މިނިވަންކަމާއި، ސިޔާދަތު ދަމަހައްޓާން ދަންނަ ބަޔަކަށް ހަދަންވާނެ ކަމަށް ހުތުބާގައި ބުންޏެވެ.