އޭޕްރިލް 14, 2025

ގޭމާސް ކްލަބްގެ 3އޮން3 ފުޓްސެލް މުބާރާތުގެ މެއިން ސްޕޮންސަރަކަށް ބީސްޓް ސްޕޯޓްސް

ގޭމާސް ކްލަބް އޮފް މޯލްޑިވްސް އިން ބާއްވަން ތައްޔާރުވަމުން އަންނަ 3 އޮން ފުޓްސެލް ޗެލެންޖުގެ މެއިން ސްޕޮންސަރަކަށް ބީސްޓް ސްޕޯޓްސް ހަމަޖައްސައިފި އެވެ.

އެކަމުގެ އެއްބަސްވުމުގައި ގޭމާސް ކްލަބުގެ ފަރާތުން ސޮއިކޮށްފައިވަނީ ކްލަބުގެ ރައީސް މޫސާ އާމިރެވެ. ބީސްޓް ސްޕޯޓްސްގެ ފަރާތުން ސޮއިކޮށްފައިވަނީ ބްރޭންޑް އެންބެސަޑަރު މުހައްމަދު ސަމާހެވެ.

ގޭމާސް ކްލަބުގެ ރައީސް އާމިރު ވިދާޅުވީ އެ ކުލަބުން ބޭއްވުމަށް ތައްޔާރުވަމުން އަންނަ ފުރަތަމަ ފުޓްސެލް ޗެލެންޖުގެ މެއިން ސްޕޮންސަރުގެ ގޮތުގައި ބައިވެރިވުމަކީ މުބާރާތް އިތުރަށް ފުރިހަމަވުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި ބީސްޓް ސްޕޯޓްސް އިން ގޭމާސް ކްލަބަށް ދެމުން އަންނަ އެއްބާރުލުން ފާހަގަކޮށް އެކަމަށް އާމިރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ގޭމާސް ކްލަބުގެ ޕާޓްނަރެއްގެ ގޮތުގައިވެސް ހިމެނޭ ބީސްޓް ސްޕޯޓްސްއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުޅިވަރު ޖާޒީ އާއި ކޯޕަރޭޓް ޔުނީފޯމް ފަރުމާކޮށް އުފައްދަމުން އަންނަ ބައެކެވެ. އަދި ބެނާ، ކެންވަސް، ދިދަ އަދި ތޮފީގެ އިތުރުން ކުޅިވަރާ ގުޅޭ އެކިއެކި ސާމާނުވެސް ހެޔޮ އަގުގައި ވިއްކަ އެވެ.

މާލެ ސަރަހައްދުގެ ޒުވާނުންނަށް ހާއްސަކޮށްގެން، އެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ އިތުރުން 3 އޮން 3ގެ ވާދަވެރިކަން ގެނައުމުގެ މަގުސަދުގައި ބާއްވާ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. މި ލިންކު މެދުވެރިކޮށް މުބާރާތުގައި ރަޖިސްޓްރީ ވެވޭނެ އެވެ.

އެ ފުރުސަތު ބަންދުވާނީ މި މަހުގެ 25 ވަނަ ދުވަހު އެވެމުބާރާތަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ގޭމާސް ކްލަބުން ބުނެ އެވެ.

އަންނަ މެއި މަހުގެ 2 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ މުބާރާތުގައި ބައިވެރިވުމަށް 300 ރުފިޔާގެ ފީއެއް ދައްކަން ޖެހޭއިރު، މުބާރާތުގެ އެއްވަނަ ޓީމަށް ހުށަހަޅާފައިވަނީ 3،000ރ. ގެ ފައިސާގެ އިނާމެކެވެ.