އޭޕްރިލް 18, 2025

ޓެމޫގެ ނަމުގައި އޮންލައިން ސްކޭމްތައް ހިންގުން އިތުރުވެއްޖެ

އޮންލައިން ޝޮޕިން ޕްލެޓްފޯމެއް ކަމަށްވާ ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތަކުގެ އަދަދު އިތުރުވަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ އެ ސްކޭމްތަކުގައި ހިމެނެނީ ސައްހަނޫން ވެބްސައިޓްތައް ހެދުމާއި، ފިޝިން މެސެޖްތައް ފޮނުވުމާއި، އަދި އެ ލިންކްތައް މެދުވެރިކޮށް ޕޭމަންޓް މައުލޫމާތު ހޯދުން ފަދަ ކަންކަން ކަމަށެވެ.

ފުލުހުންނަށް ފާހަގަކުރެވިފައިވާ މައިގަނޑު ސްކޭމްތަކުގެ ތެރޭގައި ހިމެނެނީ:

1. ފިޝިން މެސެޖްތަކާއި އީމެއިލްތައް: މިއީ ޓެމޫ ނުވަތަ ކޫރިއާ ސަރވިސްތަކުން ފޮނުވާ މެސެޖްތަކެއް ކަމަށް ދައްކުވައިދޭ ސައްހަނޫން މެސެޖްތަކެވެ. މި މެސެޖްތަކުގައި އާންމުކޮށް ހިމެނެނީ އޯޑަގައި މައްސަލައެއް ހުރިކަމަށް ނުވަތަ އިތުރު ޗާޖެއް ދައްކަންޖެހޭކަމަށް ބުނެ، ޒާތީ ނުވަތަ މާލީ މައުލޫމާތު ހޯދުމަށް އެދޭ ލިންކްތަކެވެ.

2. ކްރެޑިޓް ކާޑު ސްކޭމްތައް: މިފަދަ ސްކޭމްތަކުގައި، ސައްހަނޫން ވެބްސައިޓްތަކުގައި ނުވަތަ ފިޝިން އީމެއިލްތަކާއި އިޝްތިހާރުތަކުގައި ފައިސާ ދެއްކުމުގައި މައްސަލައެއް އުޅޭކަމަށް ބުނެ އޮޅުވާލައި، ކްރެޑިޓް ކާޑު މައުލޫމާތު ހޯދައެވެ.

3. 2-ޑީ ކާޑު ސްކޭމްތައް: 2-ޑީ ކާޑުތަކަށް އިތުރު އޮތެންޓިކޭޝަން ބޭނުންނުވާތީ، މަކަރުވެރިންނަށް މި ކާޑުތައް ފަސޭހައިން އަމާޒުކުރެވެއެވެ. ބޭނުންކުރާ ފަރާތްތަކުން ނޭނގި ފިޝިން ސައިޓެއްގައި ކާޑުގެ މައުލޫމާތު ފުރުމުން، މަކަރުވެރިންނަށް މި މައުލޫމާތު އިތުރު ވެރިފިކޭޝަނެއް ނެތި އޮންލައިން ޕޭމަންޓް ހެދުމަށް ބޭނުންކުރެވެއެވެ.

އެ ސްކޭމްތަކުން ރައްކާތެރިވެވޭނެ ގޮތުގެ އިރުޝާދުތަކެއް ފުލުހުން ވަނީ ދީފަ އެވެ.

– ނޭނގޭ ނުވަތަ ޝައްކުވާ ފޯނު ނަންބަރުތަކުން އަންނަ މެސެޖްތަކަށް ސަމާލުވުން.- ޓެމޫގެ ރަސްމީ ސައިޓަށް ނުދާ ލިންކްތަކަށް (ނަން ގޯސްކޮށް ނުވަތަ އަކުރެއް ނަންބަރެއް ބަދަލުކޮށްފައި ލިޔެފައި ހުރުން ނުވަތަ އާދަޔާ ހިލާފު ޑޮމެއިންތަކަށް) ސަމާލުވުން.- ”ޕާސަލް ލިބިފައި ނުވޭ“ ނުވަތަ ”ޑެލިވަރީ އެޑްރެސް ރަނގަޅު ނޫން“ ނުވަތަ ”ވަގުތުން ފިޔަވަޅު އަޅަންޖެހޭ“ ފަދަ ބަސްތަކަށް ސަމާލުވުން.- ރީތިކޮށް ފަރުމާކޮށްފައި ނުހުންނަ ވެބްސައިޓްތަކަށް ސަމާލުވުން.- ވަރުގަދަ ޕާސްވޯޑަކާއި ޓޫ-ފެކްޓަ އޮތެންޓިކޭޝަން (2FA) ބޭނުންކުރުން.

ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތަށް ވެސް ފުލުހުން ވަނީ ސާފުކޮށްދީފަ އެވެ.

1. ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުން.2. ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުން.3. އެންމެހައި މުއާމަލާތުގެ ތަފްސީލާއެކު އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެތްފޯމަށް ރިޕޯޓުކުރުން.4. ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުން.5. އެހެން މީހުން ސަމާލުކުރުވުމަށް ތަޖުރިބާ ހިއްސާކުރުން.

އޮންލައިން ޝޮޕިންގ ކުރާއިރު ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަޅުތައް ފުލުހުން ވަނީ ހިއްސާކޮށްފަ އެވެ.

– އޮންލައިން ޝޮޕިންއަށް ވަކި އީމެއިލް އެޑްރެހެއް ބޭނުންކުރުން.- ކްރެޑިޓް ކާޑު ނުވަތަ ވާޗުއަލް ކާޑު ފަދަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުން.- އެޕްލިކޭޝަންތައް ޑައުންލޯޑުކުރަނީ ހަމައެކަނި ރަސްމީ ތަންތަނުން (ގޫގުލް ޕްލޭ ސްޓޯ ނުވަތަ އެޕަލް އެޕް ސްޓޯ) ކަން ކަށަވަރުކުރުން.- އިތުރު ރައްކާތެރިކަމަށް އެންޓި-ފިޝިން ސޮފްޓްވެއަރ ބޭނުންކުރުން.

އޮންލައިން ޝޮޕިން ޕްލެޓްފޯމްތަކުގެ ނަމުގައި ހިންގޭ ސްކޭމްތަކާމެދު ހާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަމަށް ފުލުހުން ބުންޏެވެ.

Leave a Reply