އޭޕްރިލް 15, 2025

މެލޭޝިއާ، ލަންކާ، އިންޑިއާ އަދި ޔޫކޭގައި ދިވެހި އައިޑީކާޑު ހެދޭނެ ގޮތް ހަދަނީ

މެލޭޝިއާ، ސްރީ ލަންކާ، އިންޑިއާ އަދި އިނގިރޭސި ވިލާތުން ދިވެހި އައިޑީކާޑު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ ހުރިހާ ރަށަކުން އައިޑީކާޑުގެ ހިދުމަތް ލިބޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒެކެވެ. އެ އަމާޒުގެ ދަށުން ޖުމުލަ 15 ރަށެއްގައި މިހާރު އައިޑީކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ދެމުން އަންނައިރު މި މަހުގެ ތެރޭގައި އެ ހިދުމަތް މ. މުލީ، ށ. ފުނަދޫ، ށ. މިލަންދޫ އަދި ނ. ވެލިދޫގައިވެސް ފެށިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހޯމް މިނިސްޓްރީން ”ސަރުކާރު.އެމްވީ“ ގައި ޝާއިއު ކުރި ހަބަރެއްގައި ބުނީ މެލޭޝިއާ، ސްރީ ލަންކާ، އިންޑިއާ އަދި އިނގިރޭސި ވިލާތުގައި އައިޑީކާޑު ހެދޭނެ ގޮތް ހަމަޖައްސަން ނިންމީ އެއީ އާންމުކޮށް ދިވެހިން ގޮސް އުޅޭ ގައުމުތައްވީމަ ކަމަށެވެ.