ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ އިތުރު ދައުވާއެއް ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އިއްޔެ ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމެންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓު ފެނަކައަށް ގަތުމުގައި ކުންފުނީގެ އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވީ ސައީދުގެ އިތުރުން އޭރުގެ ޗީފް އެކައުންޓެންޓް ރ. އުނގޫފާރު/ ހިންމިޔާ، މުހައްމަދު މަސްއޫދުގެ މައްޗަށެވެ.
އޭސީސީން ބުނީ ކައިޒާން އިންވެސްޓްމަންޓުގެ އައިސްޕްލާންޓު ފެނަކައަށް ގަތުމަށް 2023 ވަނަ އަހަރުގެ ބޯޑުގެ 18 ވަނަ އާންމު ބައްދަލުވުމުގައި ނިންމުން ނިންމާފައިވަނީ، އެ ޕްރޮޖެކްޓަކީ ކުންފުންޏަށް ގެއްލުންހުރި، ”އިންޓާނަލް ރޭޓް އޮފް ރިޓާން“ އަދި ”ނެޓް ޕްރެޒެންޓް ވެލިއު“ ވަރަށް ބޮޑަށް ނެގެޓިވް ކަމަށް ފާހަގަކޮށްފައިވާ ގެއްލުން ހުރި ޕްރޮޖެކްޓެއްކަން އެނގިހުރެ ކަމަށެވެ.
އަދި މާމެންދޫގައި ފިޝަރީޒް މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އައިސްޕްލާންޓެއް އެޅުމަށް ހަމަޖެހިފައިވަނިކޮށް، ބޯޑު މެންބަރުންނަށް ސައީދު ދޮގު މައުލޫމާތުދީފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.
”މިގޮތުން ކައިޒާން އިންވެސްޓްމަންޓުގެ އައިސްޕްލާންޓް ފެނަކައިން ގަތުމުން، ފިޝަރީޒް މިނިސްޓްރީ އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަޅާ އައިސްޕްލާންޓާ ގުޅޭ ސަރުކާރުގެ ސިޔާސަތު ބަދަލުވެގެންދާނެ ކަމަށް ދޮގު މައުލޫމާތުދީފައިވެއެވެ..،“ އޭސީސީން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ، އައިސްޕްލާންޓުގެ ވެލުއޭޝަންގެ ގޮތުގައި މަސްއޫދު ހުށަހަޅާފައިވާ އަގަކީ މާކެޓް އަގަށްވުރެ މަތީ އަގެއްކަން ތަހުގީގަށް ހާމަވެފައިވާ ކަމަށާއި އައިސްޕްލާންޓް ފަދަ ތަކެތީގެ ވެލުއޭޝަން ހެދުމުގެ ގާބިލުކަން ފެނަކައިގައި ހުރި ނަމަވެސް، މާކެޓް އަގު ހޯދުމުގެ މަސައްކަތްނުކޮށް، އައިސްޕްލާންޓް ވިއްކި ފަރާތުން ހުށަހެޅި އަގުތައް ބޭނުންކޮށްގެން ވެލުއޭޝަން ތައްޔާރުކޮށްފައިވާކަން އޮޅުވާލާފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.
އޭސީސީން އިތުރަށް ބުނީ ސައީދާއި މަސްއޫދުގެ މައްޗަށް ދެ ކުށެއްގެ ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާނެ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭގޮތަކަށް އަމަލުކުރުން ނުވަތަ ދައުލަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަމެއް ލިބޭގޮތަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ.
ޕީޖީ އޮފީހުން ވަނީ ޑިސެމްބަރު 2024 ގައިވެސް ސައީދުގެ މައްޗަށް ދައުވާއެއްކޮށްފަ އެވެ. އެ ދައުވާކުރީ ފެނަކައާއި އަމިއްލަ ކުންފުންޏެއް ކަމަށްވާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަންގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ފެނަކައިން ދޫކޮށްފައިވާ މައްސަލައެއްގަ އެވެ.
އެ އަމަލުގެ ސަބަބުން ފެނަކައަށް 848,000 ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ބުނެ ސައީދުގެ މައްޗަށް ދައުވާކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.

ގުޅުންހުރި
މަޝްއަރުގެ ވެރިޔާއަށް މަނީ ލޯންޑަރިންނާއި ޓެކުމުގެ ހަ ދައުވާއެއް، ސާބިތުވެއްޖެ ނަމަ
ވާނުވާ ބަންދުގައި ތިބީ ނުރައްކާތެރި ކުށްވެރިން، ދޫކޮށްފިނަމަ މުޖުތަމައަށް ނުރައްކާވާނެ: ސީޕީ
ބިމެއް ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން ބައި މިލިއަން ނެގި
ވަގު ގޯތި މައްސަލަ: ފަޒުލްއާއި ފަޒީލު ހިމެނޭހެން އެންމެންގެ ޕާސްޕޯޓު ދޫކޮށްލައިފި
ރައީސް، ފިޔާޒަށް ގުޅައި އިންޒާރެއް ނުދެއްވާ، ދައުވާއެއް ނުކުރެވޭނެ: ޕީޖީ އޮފީސް
އެޗްޑީސީގެ ސީއެފްއޯ އާއި އިތުރު ވެރިއަކު ވަކިކޮށްފި
މަޝްއަރުގެ ވެރިޔާއަށް މަނީ ލޯންޑަރިންނާއި ޓެކުމުގެ ހަ ދައުވާއެއް، ސާބިތުވެއްޖެ ނަމަ
ވާނުވާ ބަންދުގައި ތިބީ ނުރައްކާތެރި ކުށްވެރިން، ދޫކޮށްފިނަމަ މުޖުތަމައަށް ނުރައްކާވާނެ: ސީޕީ
ބިމެއް ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން ބައި މިލިއަން ނެގި
ވަގު ގޯތި މައްސަލަ: ފަޒުލްއާއި ފަޒީލު ހިމެނޭހެން އެންމެންގެ ޕާސްޕޯޓު ދޫކޮށްލައިފި