އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަަށް އިސްލާހު ގެންނަށް 30 މެއި 2024 ގައި މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އެވެ. އޭނާ ބިލު ހުށަހެޅީ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުންގެ ގޮތުގައި އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ މީހުންނާއި އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ އިޒްރޭލު މީހުންނަށްވެސް ރާއްޖެ އެތެރެނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އަކުރެއް އިތުރުކުރުމަށެވެ.
އެ ބިލާމެދު ގޮތެއް ނިންމުމަށް އިއްޔެ ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މިކާއީލް ހުށަހެޅުއްވި ގޮތް ބަދަލުކޮށް، 7 އޮކްޓޫބަރު 2023 އިން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުމަކީ މަނާ ކަމެއް ކަމަށް ގާނޫނުގައި ހިމެނުމަށް ފާސްކޮށްފައެވެ.
އެގޮތަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު (ޝާޑް) އެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ އިސްލާހު ފާސްކޮށްފައިވަނީ ޕީއެންސީގެ މެންބަރުންގެ ވޯޓުންނެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ބިލުގެ ބޭނުމަކީ އިޒްރޭލުން، ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ރާއްޖެއަށް އިޒްރޭލު ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުން ކަމަށެވެ.

ގުޅުންހުރި
އާބާދީ ކުޑަޔަސް، ބްލޮކް ގްރާންޓުގެ ފައިސާ އިތުރުކޮށްދޭން ނިންމައިފި
އަންހެނުންގެ ކޮމިޓީތަކަށް ދޭ ބަޖެޓް ދެ ގުނަ ބޮޑުކުރަން ރައީސް ނިންމަވައިފި
ސުޖާއުގެ ނަމުގައި 9.5 މިލިއަން ރުފިޔާގެ އަގުހުރި ބިމަކާއި 7 މިލިއަން
އަބްދުއްރަހީމަށް އަހަރެއް ތެރޭ މިލިއަނެއްހާ ރުފިޔާގެ ހަދިޔާ ލިބިވަޑައިގެންފި
ވެރިކަމުގެ ދައުރު ދަންމާލުމާ ގުޅޭ ބިލު ދިރާސާކުރާ ކޮމިޓީ ސިއްރު!
ޝީ ޖިންޕިންއާ ރައީސް ބައްދަލުކުރައްވައިފި، މަޝްވަރާކުރީ ގުޅުން ހަރުދަނާކުރަން