ސިނގިރޭޓް މަނާކުރުމުގައި ގިނަ މީހުން ބޭނުންވި ގޮތާ ހިލާފަށް ނިންމީ އިހުތިރާމް ނުކުރާތީ ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޖެނެރޭޝަން ބޭން ގެނައުމަށް ތިން އިހުތިޔާރަކާ އެކު، ޓުވިޓާ، އިންސްޓަގްރާމް އަދި ފޭސްބުކްގައި އާންމުންގެ ހިޔާލު ހޯއްދަވަން ރައީސް ޕޯލްތަކެއް ނެންގެވި އެވެ. ޕޯލްގެ މުއްދަތު ހަމަވިއިރު ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމެއްގައިވެސް އެންމެ ގިނަ މީހުން އެދިފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރުމަށެވެ.
ނަމަވެސް އެކަމާމެދު ގޮތެއް ނިންމުމަށް މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ނިންމީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ތަންފީޒުކުރުމަށެވެ.
ރައީސްގެ ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓްގެ ހަތަރު ވަނަ އެޕިސޯޑުގައި މިއަދު ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ އާބާދީގެ 30 ޕަސަންޓަކީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުން ކަމަށެވެ. އެ އާބާދީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނުބައި އާދައިން ދުރުކުރެވިއްޖެނަމަ، ދުޅަހެޔޮކަން އިތުރުކޮށް، ރާއްޖޭގެ މުސްތަގުބަލު ސަލާމަތްކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޕޯލުގެ ނަތީޖާއާ ހިލާފަށް 2007 ވަނަ އަހަރުން ފެށިގެން ދުންފަތާ ދެކޮޅު ޖެނެރޭޝަން ބޭން ކަނޑައެޅީ އެހެންވެގެން ކަަމަށް ރައީސް ވިދާޅުވި އެވެ.
”އަޅުގަނޑު ރައްޔިތުންގެ ތެރެއިން ގިނަ މީހުންގެ ތެރެއިން ތާއީދުކުރި ގޮތަށް އިހުތިރާމް ނުކުރީކީ ނޫން އިނގޭތޯ. އަޅުގަނޑު ވަރަށް އިހުތިރާމް ކުރަން. އަދި ވަރަށް އުފާވި އެތައްހާސް ރައްޔިތުންނެއް މި ޕޯލްގަ ބައިވެރިވީމަ ވެސް. މި އުޅެނީ ރައްޔިތުންގެ މައްޗަށް ކަމެއް މަޖުބޫރުކުރަން. ކަމެއް މަޖުބޫރުކުރަން ބަލާއިރު ބަލަން ޖެހޭނެ އޭގެ ސަބަބަކުން ބަޔަކަށް އުނދަގޫ ނުވާނެ ގޮތަކަށް އެކަން ކުރުން. އޭގެ އެންމެ ޕްރެޓިކަލް ގޮތް، އަމަލީ ގޮތުން ކުރެވޭ ވަރު ކަމެއް ކުރުން،“ ރައީސް ވިދާޅުވި އެވެ.
ކެބިނެޓުން ކަނޑައެޅި ޓައިމްލައިނަށް އަމަލުކުރަންޏާ މި މަސް ނިމުމުގެ ކުރިން މަޖިލީހުން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ފާސްކުރަން ޖެހޭނެ ކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.ކެބިނެޓުން ނިންމީ 1 ނޮވެމްބަރު 2025ގައި ގާނޫނު ތަންފީޒުކުރަން ފެށުމަށެވެ.

6 Comments
ގުޅުންހުރި
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ އިސްލާމީ އުއްމަތަށް ރައީސް ދެއްކެވި ނަމޫނާއެއް، ސެލިއުޓް
ޝިޔާމް، ޖަމީލަށް: ރައްޔިތުން ހޮވި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ހިތަށް
ޒުވާނުން އަލުން މަހަށް ދާން ފަށައިފި، އެއީ ބޭނުންވި ގޮތް: ރައީސް
ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ 515 ދުވަސް ފަހުން ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ބިލް ރައީސް ތަސްދީގު ކުރައްވައިފި
ސައޫދީ ފަންޑުގެ އެންމެ އިސްވެރިޔާއަށް ދިވެހި ދައުލަތުން ދޭ ތިންވަނަ އެންމެ