އިނގުރައިދޫ މީހުން މިދިލިއޮށް ހޮވުން ކައުންސިލުން މަނާކޮށްފި

ރ. އިނގުރައިދޫގައި މިދިލި އޮށް ހޮވުން އެ ރަށު ކައުންސިލުން ރަށު މީހުންނަށް މަނާކޮށްފި އެވެ.

އިނގުރައިދޫ ކައުންސިލުން ނެރުނު އެންގުމެއްގައި ބުނީ މިދިލިގަސްދޮށް ކުނިކަހާ ސާފުކުރިޔަސް މައްސަލައެއް ނެތް ކަމަށާއި ނަމަވެސް ގަސްދޮށަށް ފައިބައިފައި ހުންނަ އޮށް ހޮވުމަކީ މަނާކަމެއް ކަމަށެވެ.

”ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯތިތައް ފިޔަވާ އެހެނިހެން ތަންތަނުގައިވާ ހެދިފައިވާ މިދިލިގަސްދޮށް ކުނިކަހާ ސާފުކުރިނަމަވެސް، ގަސްދޮށަށް ފައިބައިފައި ހުންނަ އޮށް ހޮވުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ،“. އިނގުރައިދޫ ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ ގަސްދޮށަށް ފައިބައިފައި ހުންނަ މިދިލި އޮށް ހޮވޭނީ ވަކި ދުވަސްތަކެއްގައިކަން ތަކުރާރުކޮށް އަންގާފައިވާނެ ކަމަށެވެ.

ނަމަވެސް ބައެއް ފަރާތްތަކުން އެނޫން ދުވަސްތަކުގައި މިދިލިއޮށް ހޮވާކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށް ކައުންސިލުން ބުންޏެވެ.