އޭޕްރިލް 21, 2025

ބަންކަރިން ފަށާތަނުން 400 މިލިއަން ޑޮލަރު ލިބޭނެކަމަށް ވިދާޅެއްނުވަން: ސައީދު

ބައިނަލްއަގުވާމީ ބަންކަރިން ރާއްޖޭގައި ފަށާތަކުން ރާއްޖޭގެ ޖީޑީޕީގެ ތެރެއަށް 400 މިލިއަން ޑޮލަރު ވަދެގެންދާނެ ކަމަށް އެއްވެސް އިރެއްގައި ވިދާޅުވެފައިނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތާ ބެހޭގޮތުން އޭނާ ދެއްކެވި ވާހަކަތައް ބަޔަކު ވަނީ ”ޓުވިސްޓު“ ކޮށްފައި ކަމަށެވެ.

ސައީދު ވިދާޅުވީ އޭނާ ދެންނެވީ ބަންކަރިންއަކީ މަލްޓި ބިލިއަން ޑޮލަރުގެ ބޮޑު ބައިނަލްއަގުވާމީ ވިޔަފާރިއެއް ކަމަށާއި އެ ވިޔަފާރީގެ އެއް ޕަސަންޓް ރާއްޖެއަށް އަތުލެވުނު ނަމަވެސް 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ.

”އުތުރާއި އަޅުގަނޑުމެންގެ ރާއްޖެ ދެކުނުގެ މިއޮތް ދެ ކަނޑުއޮޅީގަ މި ހިނގާ ވިޔަފާރިއަށް ބަލާއިރުގަ އޭގެ ތެެރެއިން އެއް ޕަސަންޓަކީވެސް 400 މިލިއަނެއްހާ ޑޮލަރޭ އިނގޭތޯ. އެ ޓާގެޓަށޭ އަޅުގަނޑުމެން މަސައްކަތް މިކުރަނީ. އަޅުގަނޑު އެއްވެސް ހާލެއްގަ ކުރިންވެސް އަދި މިއަދުވެސް ނުދަންނަވަން ހަމަ ބަންކަރިން ހިދުމަތް ފަށާ ދުވަހު 400 މިލިއަން ޑޮލަރު ރާއްޖޭގެ މި ޖީޑީޕީގެ ތެރެއަށް ވެދެގެންދާނެ ކަމަށް،“ ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަންކަރިންގެ ހިދުމަތް މިހާރު ވެސް ކުރިއަށްދާ ކަމަށާއި އެކަމުގެ މާލީ ފައިދާ ވެސް އެސްޓީއޯއަށް ލިބެމުންދާ ކަމަށެވެ.