އދ. ދަނގެތީގެ އާ އިންޖީނުގެއާއި ކަސްޓަމާ ސާވިސް ބިލްޑިން އަދި އިންޖީނުގޭގެ ވަށާފާރު ހެދުމަށް ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.
ސްޓެލްކޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ.
އެ މަސައްކަތް ހަވާލުކުރި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސައިން ތަސްމީނެވެ.
މި މަސައްކަތަކީ ސްޓެލްކޯ އިން ބުނާ ގޮތުގައި 11 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 14.8 މިލިއަން ރުފިޔާއަށް ހަވާލުކުރި މަސައްކަތެކެވެ.
ފަހުމީ ވިދާޅުވީ، ދަނގެއްޗަކީ ލޯކަލް ޓޫރިޒަމްގައި ކުރިއަރަމުން އަންނަ ރަށަކަށްވުމުންނާއި ގެސްޓްހައުސްތައް އިތުރުވެ، ކަރަންޓު ބޭނުންކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ރަށަކަށްވާތީ، އާ އިންޖީނުގެއެއް އެ ރަށަށް ބޭނުންވެފައިވާ ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި އިންޖީނުގެ ނިންމައި ބޭނުން ކުރަން ފެށުމާއެކު، ދަނގެތީގެ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ހިދުމަތެއް ދެވި، އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ، މިއަދަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށްވެސް އުފާވެރި ދުވަހެއް ކަމަށާއި އެކަމަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ކަމެއް ކަމަށެވެ.
އެގޮތުން މިހާރުގެ އިންޖީނުގެ ހުރިތަނުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަކުން އެ ސަރަހައްދުގައި އިމާރާތްކުރަން ނުފެށި، އެކަމުގެ ޝަކުވާ ކުރާ ކަމަށާއި އެކަމަށް ހައްލު ހޯދުމަށްޓަކައި ފަސް އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރެވިއްޖެ ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދު މިއީ އެކަމުގެ ހައްލު ލިބިގެންދާ ދުވަސް ކަމަށާއި މިއީ ވަރަށް ރަނގަޅު ފެށުމެއް ކަމަށެވެ. އަދި މިއާއެކީގައި ދަނގެތީގެ ރައްޔިތުންގެ ވަރަށް ފޮނި އުއްމީދުތަކެއް ހާސިލުވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

1 Comment
ގުޅުންހުރި
ސްޓެލްކޯގެ ވައުދު ފުއްދަން ހަފުތާ ބަންދުގައި ވެސް ގަސް އިންދަން ނުކުންނަނީ
މައާފަށް އެދި ފަހުމީ ވިދާޅުވީ އެފަދަ ކަމެއް ތަކުރާރު ނުވާނެހެން ފިޔަވަޅު
މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފި
ކަރަންޓު ކެނޑުނީ މާލެ-ހުޅުމާލެ ގްރިޑަށް ދިމާވި މައްސަލައަކުން: ސްޓެލްކޯ
ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ދިވެހިންނަށް ފެނި މިދަނީ ކަށަވަރުވަމުން: ފަހުމީ
މޯލްޑިވްސް އެކްސްޕޯގެ ސަރުކާރު ކުންފުނިތަކުގެ ބައިން 1 ވަނަ ސްޓެލްކޯއަށް