މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން, ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
ފުލުހުން ޝަމްއާން ހައްޔަރުކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. ފުލުހުން އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލައިގަ އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން އޭނާ ހައްޔަރުކުރިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުން ޝަމްއާން ވަކިކުރައްވައިފަ އެވެ.
ޝަމްއާން ހައްޔަރުކޮށް އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކޮށްފަ އެވެ. ކުރިމިނަލް ކޯޓުގެ އެ އަމުރު ޝަމްއާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.
ފުލުހުން މިމަހުގެ ހަވަނަ ދުވަހު ބުނެފައިވަނީ ޝަމްއާންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
އެ ދެ އަމުރު ޝަމްއާގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
ހައިކޯޓުން މިއަދު އެ މައްސަލައިގައިކުރި ހުކުމުގެ ރައުޔުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ މިއަދު ހުކުމްކުރީ ޝަމްއާންގެ ފަރާތުން ހުށަހެޅި އެއްވެސް ނުކުތާއަކުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ ގާނޫނުތަކާއި އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބާރުދޭނެ ކަމެއް ދެއްކެވިފައި ނުވާ ކަމަށެވެ.
ޝަމްއާނަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ހިންގުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ދައުރެއް ނެތި ފުލުހުން އަމިއްލައަށް ތަހުގީގު ހިންގާފައިވާތީ އެއީ ޖިނާއީ އިޖްރައާތުގެ ގާނޫނާ ހިލާފް ކަމެއް ކަމަށް ޝަމްއާންގެ ފަރާތުން ފާހަގަ ކުރިޔަސް، ރައުޔުގައި ފަނޑިޔާރު ވިދާޅުވީ އެއީ ގާނޫނާ ހިލާފް ކަމެއް ނޫން ކަމަށެވެ.
އަދި ފުލުހުންނަށް އެކަނި ވެސް ތަހުގީގު ކުރެވޭނެ ކަމަށެވެ. އަދި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމި ނިންމުމާ ގުޅޭގޮތުން އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ ފަދަ ގާނޫނީ ބަހުސެއް ޝަމްއާންގެ ފަރާތުން ދެއްކިފައިނުވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
އެ ރައުޔަށް ފަނޑިޔާރު ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ތާއިދު ކުރެއްވި އެވެ.
އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރެއްވީ ކުރިމިނަލް ކޯޓުގެ އަމުރަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ގުޅުންހުރި
އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓަން ކުރި އަމުރު ބާތިލުކޮށްފި
ޝަމްއާންގެ މައްސަލަ: މާދަމާ ތަފުސީލު ހާމަކުރާނެ ކަމަށް އިހުސާން ވިދާޅުވެއްޖެ
ޝަމްއާންގެ ބަންދަށް 15 ދުވަސް ޖެހި މައްސަލަ ހައިކޯޓަށް
ޝަމްއާނަށް ކުރާ ތުހުމަތު: ހައްޔަރުކުރި ބިދޭސީއަކު ދޫކޮށްލަން 530،000 ރުފިޔާ ނެގި
ސަރުކާރުން، ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއަށް ޓެކްސް ދެއްކުން މަޑުޖައްސާލަން އަމުރުކޮށްފި
އޭސީސީއަށް ހައިކޯޓުން ވެސް ނާކާމިޔާބު، ޕޮލިސް ޕްރޮމޯޝަން ހުއްޓުވުމުގެ އަމުރެއް ނުދިން