މެއި 9, 2025

އެސްޓީއޯގެ ފުރަތަމަ ކުއާޓަރުގެ ފައިދާ 169 މިލިއަން ރުފިޔާގެ ފައިދާއެއް

ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެެސްޓީއޯ)އަށް ފުރަތަމަ ކުއާޓަރުގައި169 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.

އެސްޓީއޯއިން މިއަދު ބުނީދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމުގެ ސަބަބުން 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ކުންފުނީގެ އާމްދަނީއަށް އަސަރުކުރި ނަމަވެސް، ކުންފުނީގެ ހިންގުމުގެ ދާއިރާއާއި މާލީ ހާލަތު ރަނގަޅު މިންގަނޑެއްގައި ހިފަހައްޓާފައިވާ ކަމަށެވެ.

ތެލުގެ ވޮލިއުމް އިތުރުވެ، ޖެނެރަލް ޓްރޭޑިން، ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި ހެލްތްކެއާ ސޮލިއުޝަންސްގެ ވިޔަފާރީގެ ދާއިރާތަކުން ލިބޭ އާމްދަނީ ދެމެހެއްޓުމާއި، ކުންފުނީގެ އޮޕަރޭޝަނަލް އަދި އިންވެސްޓްމަންޓްތަކަށް ބޭނުންވާނޭ ފައިސާ ހަމަޖެއްސުމަށް އެކަށީގެންވާ ފަންޑު ބެހެއްޓުމާއިއެކު އެކަށީގެންވާ މާލީ ނަތީޖާއެއް ކުންފުނިން ހާސިލުކޮށްފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ޖުމްލަ އާމްދަނީގެ ގޮތުގައި 4.02 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ. އެއީ، 2024 ގެ ހަތަރުވަނަ ކުއާޓާގައި ލިބުނު 3.84 ބިލިއަން ރުފިޔާއާއި އަޅާބަލާއިރު 4.6 ޕަސަންޓުގެ ކުރިއެރުމެއް ކަމަށް އެސްޓީއޯއިން ބުންޏެވެ. ކުރީ އަހަރާ އަޅާބަލާއިރު އާމްދަނީ ދަށްވެފައިވަނީ މައިގަނޑު ގޮތެއްގައި 2024 ވަނަ އަހަރުގެ ފުރަތަމަ ދެ ކުއާޓަގައި މަތިވެފައިވާ ބައިނަލްއަގުވާމީ ތެލުގެ އަގުތައް އާންމު ހާލަތަށް އައުމުގެ ސަބަބުން ކަމަށް އެސްޓީއޯއިން ބުންޏެވެ.

ތެލުގެ ވިޔަފާރި ނޫން އެހެނިހެން ދާއިރާތަކުންވެސް ރަނގަޅު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ. އާންމު ވިޔަފާރިއާއި، އިމާރާތްކުރުމުގެ ދާއިރާ އަދި ސިއްހީ ހިދުމަތްތަކުގެ ހައްލުތަކުގެ ދާއިރާއިން ހަރުދަނާ ނަތީޖާތަކެއް ދައްކުވައިދީފައިވާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުގެ ކުރިއެރުމާއި އާމްދަނީއަށް އައި ބަދަލުތަކާއެކުވެސް، ކުންފުނީގެ މުޅި އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ތެލުގެ ވިޔަފާރިން ކަމަށާއި މިކަމުން ކުންފުނީގެ މައިގަނޑު އާމްދަނީއަށް އެންމެ ބޮޑު ހިއްސާއެއް ކުރާ ވިޔަފާރި ދެމިއޮތްކަން ހާމަވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.

”ކުންފުނީގެ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ޖުމްލަ ފައިދާގެ ގޮތުގައި 583 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު 617 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ. މި ދަށްވުން އައިސްފައިވަނީ މައިގަނޑު ގޮތެއްގައި މި ކުންފުނިން ތެޔޮ ވިއްކާ އަގު ދަށްކުރިކުރުމުންނެވެ. ނަމަވެސް މުހިންމު ދާއިރާތަކުގެ ވިޔަފާރީގެ މިންވަރު ދެމެހެއްޓިފައިވެ އެވެ. ހިންގުމުގެ ފައިދާގެ ގޮތުގައި 263 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 308 މިލިއަން ރުފިޔާ އަދި ކުރީ ކުއާޓާގައި ލިބުނު 300 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.“ އެސްޓީއޯއިން ބުންޏެވެ.

”ހިންގުމުގެ ހަރަދުތައް ރަނގަޅަށް ބެލެހެއްޓިފައިވީ ނަމަވެސް، ޖުމްލަ ފައިދާ ދަށްވުމާއި އާމްދަނީ ލިބޭ ވަގުތުގެ ތަފާތުން ހިންގުމުގެ ނަތީޖާއަށް އަސަރުކޮށްފައިވެ އެވެ. ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 169 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 195 މިލިއަން ރުފިޔާއާ އަޅާބަލާއިރު 13.5 ޕަސަންޓް ދަށް އަދަދެކެވެ. މި ދަށްވުން އައިސްފައިވަނީ ޖުމްލަ ފައިދާ ދަށްވުމާއި ޕްރޮވިޜަންތައް އިތުރުވުމުގެ ސަބަބުން، ނަމަވެސް ވިޔަފާރީގެ ހުރިހާ ދާއިރާއަކުންވެސް ފައިދާ ލިބި، ލަފާކުރެވުނު މިންވަރުގައި ހިފެހެއްޓިފައިވާކަން ފާހަގަކޮށްލަމެވެ“

ކުންފުނިން އަމާޒުކޮށްފައިވަނީ ތެލުގެ ވިޔަފާރިއާއި ހޯލްސޭލް މާކެޓް ފުޅާކުރުމާއި، އަދި މީގެ އިތުރުން އާ މުދާ ތައާރަފުކޮށްގެން އާމްދަނީ އިތުރުކުރުމަށް ކަމަށް އެސްޓީއޯއިން ބުންޏެވެ.

މުހިންމު އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ކުރިއަށްދާއިރު އަދި ޑިޖިޓަލް ޕްލެޓްފޯމްތައް ހަރުދަނާވަމުންދާއިރު، ވަރުގަދަ އަސާސްތަކާއި ޒިންމާދާރު މާލީ މެނޭޖްމަންޓުގެ އެހީގައި، ކުރިއަށް އޮތް ދުވަސްތަކުގައި ކުންފުނިން ކުރިއެރުމުގެ ދުވެލި އަލުން ހޯދުމަށް ތައްޔާރުވެފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.